އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރާ އެންމެ ބޮޑު ހަނގުރާމައިގެ މައިދާނަކީ ސައިބަ ސްޕޭސް (އިންޓަނެޓް) ކަން ދެނެގަނެވިފައިވާ ކަމަށާއި އެކަމަށް ތައްޔާރަށް އޮތް ކަމަށް އެގައުމުގެ އަސްކަރިއްޔާއިން އިއްޔެ ބުނެފި އެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ވެބްސައިޓްގައި ބުނެފައި ވަނީ ސައިބަސްޕޭސްގައި ހަނގުރާމަ ކުރާނެ ގޮތްތައް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

"އަސްކަރިއްޔާއިން ދަނީ ސައިބަ ސްޕޭސްގައި ވަރުގަދައަށް ދިފާއު ކުރަމުންނެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ޖާސޫސު ކުރުމަށާއި ހަމަލާ ދިނުމަށް ވެސް ސައިބަސްޕޭސް ބޭނުން ކުރާނެއެވެ،" އިސްރާއީލުގެ އަސްކަރިއްޔާގެ ވެބްސައިޓްގައި ވެއެވެ.

އިސްރާއީލަކީ އިލެކްޓްރޯނިކް ހަނގުރާމައިގާ ދުނިޔޭގެ ލީޑަރުކަމަށާއި ހުރިހާ ދިމާއެއްގައި އެގައުމުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރަމުންދާ ގައުމެއް ކަމަށް ވެސް އިސްރާއީލުގެ އަސްކަރިއްޔާގެ ވެބްސައިޓްގައި ވެއެވެ.

އިސްރާއީލުން މިހެން ބުނެފައި މިވަނީ ކޮންބައެއްކަން ނޭނގޭ ބަޔަކު އީރާނަށް ވައިރަސް ހަމަލާތަކެއް ދިންތާ ކުޑަދުވަސްކޮޅެއް ފަހުންނެވެ. އީރާނަށް ދިން ހަމަލާތަކަކީ އިސްރާއީލުގެ އަމަލެއް ކަމަށް އެގައުމުން ތުހުމަތު ކުރިއެވެ.