08 Jun 2012, 12:15
ސޫރިޔާގައި ދާދިފަހުން ހިންގި ގަތުލު އާންމު ހިނގި ސަރަހައްދަށް ޒިޔާރަތްކުރި ހަތިޔާރެއް ނެތް، އދ.ގެ މުވައްޒަފުންނަށް އިއްޔެ ބަޔަކު ހަމަލާދީފި ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވެއްޖެ އެވެ.
ސޫރިޔާގައި ހިންގި އަނިޔާވެރި ގަތުލުއާއްމުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތުން 80 އަށް ވުރެ ގިނަ މީހުން މަރާލާފައި ވާއިރު އެ ގަތުލުއާއްމު ހިންގީ ސޫރިޔާ ސަރުކާރަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާއަތަކުން ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ބާންކީ މޫން ވިދާޅުވީ ސޫރިޔާގެ ހައުލާގައި ގަތުލުއާއްމު ހިންގި ސަރަހައްދަށް ދިއުމަށް މަސައްކަތް ކުރަމުން ދިޔަ އދ.ގެ މޮނިޓަރުންނަށް ކުދި ހަތިޔާރުން ބަޔަކު ހަމަލާދިނީ ހާމަ ޕްރޮވިންސްގެ ދަނޑު ހައްދާ ސަރަހައްދަކުން ކަމަށެވެ. ނަމަވެސް އެހަމަލާގައި އދ.ގެ އެއްވެސް މުވައްޒަފަކު ޒަހަމްްވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަލާއާ ގުޅިގެން އދ.ގެ މޮނިޓަރުންނަށް ގަތުލުއާއްމު ހިންގި ސަރަހައްދަށް އިއްޔެ ދެވިފައި ނުވާ ކަމަށާއި އެހެން ނަމަވެސް އެހަމަލާ ދިނީ ކޮންބައެއްކަން ނޭނގޭ ކަމަށް އދ.ގެ ސްޕޯކްސް ޕާސަން ކިއެރަން ޑްވްޔާ ވިދާޅުވި އެވެ.
ސޫރިޔާގެ ހަމަނުޖެހުމަށް ސިޔާސީ ގޮތުން ސުލްހަވެރި ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާފައިވާ އދ.ގެ ހާއްސަ މަންދޫބު އަދި ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ވިދާޅުވެފައި ވަނީ ސޫރިޔާގެ ކަންތައްތައް ވަރަށް ކައިރިން ބައްލަވަމުން ގެންދަވާނެ ކަމަށެވެ.
"ކަންތައްތައް ބަދަލުނުވާ ނަމަ އެގައުމުން ދެން ފެންނާނީ އެންމެ އަނިޔާވެރި ގަތުލުއާއްމުތަކާ މަޒުހަބީ ތަޅާފޮޅުންތައް އަދި މުޅި ގައުމަށް ފެތުރިފައިވާ އަހުލީ ހަނގުރާމައެއް،" ސޫރިޔާއާ މެދު ވާހަކަ ދައްކަވަމުން އދ.ގެ ޖެނެރަލް އެސެމްބްލީގައި އޭނާ އިއްޔެ ވިދާޅުވި އެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރަށް ވަަޑައިގަތުމަށް ގޮވާލައި އެގައުމުގައި ފެށި މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވެފައި ވާއިރު އެހަމަނުޖެހުން ތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. ( އެސޯސިއޭޓެޑް ޕްރެސް)