ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް އެމެރިކާސަރުކާރުން ބާރުއަޅަން ޖެހޭނެ ކަމަށް އެގައުުމުގެ ސެނެޓާ ( ޕާލަމެންޓް މެމްބަރު)، ރޮބަޓް ކޭޒީ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓްގެ ސީނިއަ ސެނެޓަރު ރޮބަޓް ޕެޓްރިކް ބޮބް ކޭޒީ ވިދާޅުވި ކަމަށް އިންޑިއާގެ ޒީނިއުސްގައި ވަނީ ރާއްޖޭގައި 2008 ވަނަ އަހަރު އިންދި ޑިމޮކްރަސީގެ އޮށްތަކުން ގަސްފަޅައިގެން ހެދޭނެ ކަން ކަށަވަރުކުރުމަށް ވީހާވެސް އަވަހަކަށް ރާއްޖޭގައި އިންތިހާބު ބޭއްވުމަށް އެމެރިކާއިން ބާރުއަޅަން ޖެހޭނެ ކަމަށެވެ.
އޭނާ މިމޭރުމުން ވާހަކަ ދެއްކެވީ އެމެރިކާއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައެޅި ސަފީރު މިޝޭލް ސިޒަން އެމަގާމަށް ހަމަޖެއްސުން ކަށަވަރު ކުރުމަށް ބޭއްުވި ރަސްމިއްޔާތުގައި ކަމަށް ޒީ ނިއުސްގައި ވެއެވެ.

ބޮބް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި 2008 ވަނަ އަހަރު ބޭއްވި ތާރީހީ އިންތިހާބާ އެކު ފެށުނު ޑިމޮކްރަސީ މިހާރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުން ތަކުގެ ސަބަބުން މަގުން ކައްސާލަފާނެ އެވެ.

ބޮބް މިހެން ވިދާޅުވެފައި ވާއިރު ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައެޅި އައު ސަފީރު ސިޒަން ވިދާޅުވީ އެމެރިކާއިން ރާއްޖެއަށް އަބަދުވެސް ހިއްވަރު ދެނީ މިހާރު ހުރި ޑިމޮކްރެޓިކް މުއައްސަސާތައް މެދުވެރިކޮށްގެން ސުލްހަވެރިކަމާ ހާމަ ކަމާ އެކު ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަތައް ހަމަޖެއްސުމަށް ކަމަށެވެ.

"ރާއްޖޭގެ ކަންކަމުގައި ބައިވެރިވުމަށް އެމެރިކާއަށް ވަނީ އިތުރު ފުރުސަތެއް ލިބިފައި، ރާއްޖޭގައި ދެން އެންމެ އަވަހަށް ބާައްވާ ރިޔާސީން އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ފައިސާގެ އެހީ ދިނުމަށް ޔޫއެސްއެއިޑުން އޮތީ ތައްޔާރަށް،" ސިޒަން ވިދާޅުވެފައި ވެއެވެ.

އޭނާ ވަނީ އިންޑިޔާ ކަނޑުގެ ސަލާމަތްތެރިކަން ކުރިއެރުވުމުގެ މުހިއްމުކަން ވެސް ފާހަގަކުރައްވައިފަ އެވެ.