ޑީއާރުޕީއަކީ އާދިރުމަކާ އެކު މުސްތަގުބަލަށް ޓަކައި ދަތުރު ފަށައިފި ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އުފެދުމަށް ފަހު ޑީއާރްޕީ އިން ބޮޑު އެއްވުމެއް ނުބާއްވާތާ ގިނަ ދުވަސްތަކަކަށް ފަހު ރަށްރަށުން ޖަލްސާ އަށް ގެނައި މެންބަރުންނާ އެކު އެ ޕާޓީ އިން މިރޭ ބޭއްވި އެންމެ ބޮޑު ޖަލްސާގައި ލީޑަރު ތަސްމީނު ވިދާޅުވީ ޑީއާރްޕީ އާދިރުމަކާ އެކު މުސްތަގުބަލަށް ޓަކައި ދަތުރު ފަށައިފި ކަމަށާއި ޕާޓީގެ ކައުންސިލް މެންބަރު އަބުދުﷲ ޝާހިދުގެ އިތުބާރު އޮތްކަމަށް މަޖިލިހުން ފާސްކުރި ކުރުމަކީ އެ ޕާޓީ އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި މަޖިލިހުގައި ޝާހިދު އަށް އިތުބާރު އޮތް ކަމަށް ވޯޓް ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"އަބުދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނެގި މައްސަލަ ވަރަށް ތަނަވަސް އަޣުލަބިއްޔަތުން ވަނީ ނާކާމީޔާބުވެފައި. އެހެންކަމުން ޝާހިދުއަށް މަރުހަބާކިޔަން. މި މައްސަލާގައި ޑީއާރުޕީއާ އެކު ވޯޓްދެއްވި އެހެނިހެން ޕާޓީތަކުގެ މެންބަރުންނާއި މިނިވަން މެންބަރުންނަށް ވެސް ޝުކުރު ދަންނަވަން. އަދި ހާއްސަކޮށް އެމްޑީޕީން ޝާހިދުގެ އިތުބާރު އޮތް ކަމަށް ވޯޓް ދެއްވި މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގެ ތެރޭގައި ވަރަށް ގިނަ ވައުދުތައް ފުއްދައިދެއްވާނެ ކަމަށް ވިދާޅުވެ، އެކަންކަން ފުއްދައިދެއްވާފައި ނުވާތީ ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި އަދި ސިޔާސީ ލީޑަރުންނަށް ދިވެހި ރައްޔިތުން އިތުބާރު ނުކުރާ ކަމަށާއި ސިޔާސީ މީހުންނަކީ ރައްޔިތުންގެ އިތުބާރު އޮތް ފަރާތްތަކަށް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޕާޓީގެ ސިޔާސީ ބޭނުމަށް ޓަކައި ނުފުއްދޭނެ ވައުދުތައް އަޅުގަނޑުމެން ނުވާނެ. އަޅުގަނޑަކީ އަޅުގަނޑު ކުރާ ކަންކަމާއި އަމަލާއި ދިމާވާ ގޮތަށް ކަންކުރާ މީހެއް. އަޅުގަނޑުގެ ޓްރެކް ރެކޯރޑް ބައްލަވާލައްވާ، އެކަންކަން އެނގިވަޑައިގަންނަވާނެ. މިއަދުގެ ހަގީގަތަކީ މިއަދު ދިވެހި ރައްޔިތުން ރާއްޖޭގެ ސިޔާސީ ބޭފުޅުން ނަކަށް އިތުބާރެއް ނުކުރޭ،" ތަސްމީނު ވިދާޅުވި އެވެ.

ތަސްމީނު ވިދާޅުވީ ރައްޔިތުންގެ އިތުބާރު އަލުން ހޯދަން ޖެހޭ ކަމަށާއި އިތުބާރު އަލުން ހޯދައިގެން މެނުވީ ސިޔާސީ ލީޑަރުންނަށް ނުވާނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު(މަވޯޓާ) ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖެގެ ރައްޔިތުންގެ ހައްގުގައި ކުރިމަގު އުޖާލާ ކުރުމަށް ޓަކައި ޑީއާރްޕީން ކުރާ ބުރަ މައްސައްކަތް ފާހަގަކުރައްވާ ކަމަށާއި މީގެ ކުރިން އެ ޕަޓީއަކީ ތާރީހުކަމަށް ބަޔަކު ގޮވި ނަމަވެސް އެ ޕާޓީ އަކީ މިއަދު މުސްތަގުބަލު އޮތް ޕާޓީއެއް ކަން ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.

ޑީއާރުޕީން މިރޭ ބޭއްވި ޖަލްސާއަކީ ޑީއާރުޕީ ދެ ބައިވެ، އެ ޕާޓީން ޕީޕީއެމް އުފެދުނު ފަހުން ބޭއްވި، އެންމެ ގިނައިން މީހުން ހާޒިރުވި ޖަލްސާ އެވެ. މިރޭގެ ޖަލްސާ އަށް އާޓިފިޝަލް ބީޗަށް މީހުން ހާޒިރުވަމުން ދިޔައިރު ބިދޭސީންގެ ތިން ގުރޫޕެއް ވެސް ޑީއާރްޕީގެ ޖަލްސާގައި ބައިވެރިވުމަށް ގޮނޑިތަކުގައި އިށީން މަންޒަރު ވަނީ ނޫސްވެރިންނަށް ފެނިފަ އެވެ.