މިއަދު ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑަށް ބޭނުންވާ އެއްބަޔަކީ ހުނަރުވެރި މަސައްކަތްތެރިން ކަމަށް މޯލްޑިވްސް ކުލިފިކޭޝަން އޮތޯރިޓީގެ އެގްޒެކްޓިވް ޑިރެކްޓާ މަރިޔަމް ނޫރައްދީން ވިދާޅުވެއްޖެ އެވެ.

އެލިއާ އިންވެސްޓްމަންޓާއި ސެންޓާ ފޯ ކެރިއާ އެންޑް ޓެކްނިކަލް އެޑިއުކޭޝަން ގުޅިގެން ލޯންޗުތަކުގެ ކެޕްޓަނުނަށް އަމާޒުކޮށްގެން ބޯޓް އޮޕަރޭޓާސް ޓްރެއިނިން ނިންމި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް މި ރޭ ޝީ ބިލްޑިންގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެގްޒެކްޓިވް ޑިރެކްޓާ މަރިޔަމް ނޫރައްދީން ވިދާޅުވީ މިހާރު ސްކޫލު ނިންމުމަށް ފަހު ވަޒީފާގައި އުޅޭ ގިނަ ޒުވާނުންނަކީ ވަޒީފާ އަށް ތައްޔާރުވެފައިވާ ބައެއް ނޫން ކަމަށާއި އެހެންކަމުން އެ ޒުވާނުނަށް އިތުރު ތަމްރީންނުތައް ދޭން ޖެހޭ ކަމަށެވެ.

"މިއަދު ސްކޫލް ނިންމުމަށް ފަހު ވަޒީފާ އަށް މި ނިކުންނަ ގިނަ ޒުވާނުންނަކީ ވަޒީފާ އަށް ތައްޔާރުވެގެން ނުކުމެފައިވާ ޒުވާނުންނެއް ނޫންކަން ގަބޫލުކުރަން ޖެހޭ. އެހެންކަމުން އެ ޒުވާނުނަށް ހުނަރު ދަސްކޮށްދޭން ޖެހޭ،" މަރިއަމް ވިދާޅުވި އެވެ.

ކްލެސިފިކޭޝަން އޮތޯރިޓީ އިން ބުނީ "ބޯޓް އޮޕަރޭޓާސް ޓްރެއިނިންގް 2012ގެ" ނަމުގައި ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގައި ކަނޑުމަތީގެ ހާދިސާތަކެއް ރައްކާތެރިވާނެ ގޮތާއި ކުއްލި ހާލަތުގައި ކަންތައްކުރާނެ ގޮތުގެ އިތުރުން އިންޖީނަށް ދިމާވާ މައްސަލަ ހައްލުކުރާނެ ގޮތް ދަސްކޮށްދީފައިވާނެ ކަމަށެވެ.

އެ ޓްރެއިނިން ޕްރޮގުރާމް ފުރިހަމަ ކުރި 40 ބައިވެރިނަށް ސެޓްފިކެޓް ދެއްވީ ހަފްލާގެ ޝަރަފުވެރި މެހުމާން މަރިޔަމް ނޫރައްދީނެވެ.

މި ތަމްރީނު ފުރިހަމަ ކުރި ބައިވެރިއަކު ބުނީ މިތަމްރީނު ޕްރޮގުރާމަކީ ވަރަށް މުހިންމު ޕްރޮގުރާމެއް ކަމަށާއި މިތަމްރީނުތަކުގެ ސަބަބުން ކެޕްޓަނަކަށް އެގެން ޖެހޭ ގިނަ އެތައް ކަމެއް އެނގިގެން ދިޔަ ކަމަށެވެ.

މިއީ އެލިއާ އިން ބޭއްވި މީގެ ދެ ވަނަ ތަމްރީނު ޕްރޮގުރާމެވެ. އަދި ކުރިއަށް އޮތް ކައިރި މުސްތަގުބަލެއްގައި އިތުރު ތަމްރީނު ޕްރޮގުރާމުތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށް އެލިއާ އިން ބުންޏެވެ.