ވިޔަންސާ އަތުން 1-0 އިން ބަލިވެ ދިރާގު ދިވެހި ލީގުގެ ހަ ވަނަ އަށް ވެލެންސިއާ ވެއްޓުނީ ސީނިއާ ކުޅުންތެރިން މޮޅުވާން ނެތުމުން ކަމަށް ކޯޗު މުހައްމަދު އިގްބާލް ބުނެފި އެވެ.

މެޗު ފެށި އިރު ހަތް ޕޮއިންޓާއެކު ފަސް ވަނާގައި އޮތް ވެލެންސިއާ ކޮޅަށް ވިޔަންސާއިން ލަނޑު ޖެހީ މެޗު ނިމެން ހަ މިނިޓަށް ވީ ފަހުން އަބުދުލްމުހައިމިން މުހައްމަދެވެ. މި މޮޅާއެކު ވިޔަންސާ އަށް ފަސް ވަނަ ލިބެނީ ނުވަ ޕޮއިންޓާއެކުގަ އެވެ.

"ސީނިއާ ކުޅުންތެރިން މޮޅުވާން ނެތިއްޔާ މޮޅެއްނުވާނެ. ސީނިއާ ކުޅުންތެރިން އެބަޖެހޭ މިއަށްވުރެ ހަރުދަނާވާން،" އިގްބާލް ބުންޏެވެ.

އޭނާ އިޝާރާތް ކުރީ ދަނޑުމަތީގައި ތިބި ސީނިއާ ބައެއް ކުޅުންގެ ފުށުން ރަނގަޅު ކުޅުމެއް ނުފެނުމުގެ އިތުރަށް މިއަދުގެ މެޗަށް ކެޕްޓަން އަލީ އިމްރާނާއި ވައިސް ކެޕްޓަން އަބުދުއްރަޝީދުމާހިރު ސަސްޕެންޑްވެފައިތިބުމަށެވެ.

"މިގޮތަށް ކުޅެންޏާ ޖެހޭނީ ރެލިގޭޝަންކުޅެން. ދެން އޮތީ އޭވައިއެލް މެޗު. އެމެޗުން އަހަރުމެން ގޯސްވެއްޖިއްޔާ ރެލިގޭޝަނަށް ތައްޔާރުވާންވީ،" އިގްބާލް ބުންޏެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ އޭނާގެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފް ކުރާ ކަމަށާއި މިއީ ގަދަ ހަޔެއް ކަށަވަރުކުރަން އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ.