15 Apr 2024, 06:54
އިއްޔެ ފަތިހުގެ ވަގުތެއްގައި ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ދިރިއުޅެމުންދާ މުމްބާއީގެ ބަންޑްރާގައި ހުންނަ ގެލެކްސީ އެޕާޓުމަންޓަށް ދިން ބަޑީގެ ހަމަލާއާ ގުޅިގެން ސަޕޯޓަރުން ކަންބޮޑުނުވުމަށާއި އެކްޓަރުގެ ހާލު ރަނގަޅު ކަމަށް މުމްބާއީގެ ފުލުހުން ބުނެފިއެވެ.
ބަޑީގެ މި ޙަމަލާ ދިން ވަގުތު ސަލްމާން ޚާން މައިންބަފައިންނާ އެކު ހުރީ ގޭގައި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް މި ހަމަލާގައި ގެއްލުމެއްވެފައިނުވާކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މީގެކުރިން ވެސް މަރުގެ އިންޒާރުތަކެއް އެކި ފަހަރު މަތިން ސަލްމާން ޚާނަށް ލިބިފައިވާއިރު އިއްޔެގެ ހަމަލާއަށް ފަހު ސަލްމާނުގެ ބައްޕަ ސަލީމް ޚާން ހެނދުނުގެ ކަސްރަތު ކުރުމަށް ވެސް ބޭރުތެރެއަށް ނުކުމެފައިވާކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ގެލެކްސީ އެޕާޓުމަންޓު ހުންނަ ޢިމާރާތުގައި ދިރިއުޅޭ ސަލްމާނުގެ އަވަށްޓެރި ޑައިރެކްޓަރު ޕްރޭމް ސޯނީ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލްމާންގެ ހާލު ރަނގަޅު ކަމަށާއި ކަމާބެހޭ އިދާރާތަކުން އެ އިމާރާތުގައި ދިރިއުޅޭ ހުރިހާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

ސަލްމާން ޚާން އާއިލާގެ މެމްބަރުންނާއެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ބުނެފައިވާ ގޮތުން މީގެކުރިން ވެސް ސަލްމާނަށް އެކި ފަހަރުމަތިން އިންޒާރުތައް ދިން ގޭންގްސްޓާރެއް ކަމަށްވާ ލޯރެންސް ބިޝޯނީގެ ކޮއްކޮ އައްމޯލް ވަނީ މި ހަމަލާގެ ފަހަތުގައި ހުރީ އޭނާ ކަމަށް ބުނެފައެވެ.
ދާދި ފަހުން އެކްޓިވޭޓްކޮށްފައިވާ ފޭސްބުކް އެކައުންޓެއް މެދުވެރިކޮށް އައްމޯލް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ އެ މީހުން ދެއްކި ކުޑަކުޑަ ޓްރެއިލާއެއް ކަމަށާއި މި ހަމަލާއިން އެ މީހުންގެ ވަރުގަދަކަން ދެނެގަނެ ޓެސްޓު ނުކުރުމަށް ވަނީ ބުނެފައެވެ. މިއީ ފުރަތަމަ އަދި އެންމެ ފަހުގެ އިންޒާރު ކަމަށް ވެސް އައްމޯލްގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ސަލްމާން ދިރިއުޅޭ އެޕާޓްމަންޓަށް ދިން ހަމަލާގެ ފަހަތުގައި ހުރިކަމަށް އެއްބަސްވެފައިވާ އައްމޯލް ބިޝްޯނީ -- ފޮޓޯ/ ސްޓާސަންފޯލްޑެޑް
މި ޙަމަލާއާ ގުޅިގެން ސަލްމާންގެ އާއިލާގެ މެންބަރުން ވަނީ އެކްޓަރު ދިރިއުޅޭ އެޕާޓްމަންޓަށް ޒިޔާރަތްކޮށްފައެވެ. ފިލްމު އިންޑަސްޓްރީގެ އިތުރުން ސަލްމާނަށް ތާއީދުކުރާ ގިނަ ބަޔަކު އަންނަނީ އެކްޓަރު ދިރިއުޅޭ ތަނަށް ދިން މި ހަމަލާ ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އޭކްނާތު ޝިންޑޭގެ ހާއްސަ ބެލުމުގެ ދަށުން މުމްބާއީ ފުލުހުން އަންނަނީ މި ހަމަލާގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އެގޮތުން މިހާތަނަށް ލިބުނު ކުރިއެރުމަށް ބަލާއިރު ފުލުހުން އަންނަނީ އެ އެޕާޓްމަންޓާ ގުޅޭ ސަރަހައްދުތަކުގައި ހުރި ސީސީޓީވީ ކެމެރާތަކުގެ އެހީގައި ބަޑީގެ ހަމަލާ ދިން ދެ މީހުންގެ ފުޓޭޖްތައް އެއްކުރަމުންނެވެ.
މި ހަމަލާއާ ގުޅިގެން ސަލްމާންގެ ފަރާތުން އެއްވެސް ކަހަލަ ސްޓޭޓްމެންޓެއް އަދި ނެރެފައެއް ނުވެއެވެ.