މި މަސް ނިމުމުގެ ކުރިން ދައުލަތުގެ މުއައްސަސާތަކުގެ ބަޖެޓްތައް ރިވައިޒްކޮށް 15 ޕަސެންޓް ކުޑަކުރަން ފިނޭންސް މިނިސްޓްރީން ދައުލަތުގެ ހުރިހާ އޮފީހަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ސޮއިކުރައްވާ މިދިޔަ އާދިއްތަ ދުވަހު ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނަނީ ސަރުކާރުގެ މަސްއޫލުވާ އޮފީސްތަކުގެ ބަޖެޓުން 15 ޕަސެންޓް ކުޑަކޮށް މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ބަޖެޓް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހޭނޭ ކަމަށެވެ. އަދި ކައުންސިލްތަކުގެ ބަޖެޓުންވެސް 15 ޕަސެންޓް އުނިކޮށް އެ ބަޖެޓް ކައުންސިލްތަކުން ފާސްކޮށް 15ގެ ކުރިން ބަޖެޓް މިނިސްޓްރީއަށް ފޮނުވަން ޖެހޭނެ ކަމަށެވެ.

ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ބަޖެޓް ކަނޑައަޅައި މުއައްސަސާތަކުންވެސް ބަޖެޓުން 15 ޕަސެންޓް އުނިކޮށް މަޖިލީހުގެ ރައުޔާ އެކު މި މަހުގެ 20ގެ ކުރިން ރިވައިޒްކުރި ބަޖެޓްވެސް ފިނޭންސަށް ފޮނުވުމަށް ސާކިއުލާގައި ވަނީ އަންގައިފަ އެވެ. އަދި އެ ނޫން މުއައްސަސާތަކުންވެސް 20ގެ ކުރިން ބަޖެޓް ކުޑަކޮށް މިނިސްޓްރީއަށް ފޮނުވަން ޖެހެ އެވެ.

"ބަޖެޓް ކުޑަކުރަން މުއައްސަސާތަކަށް ދީފައިވާ މުއްދަތުގައި ރިވައިޒް ކުރި ބަޖެޓް މިނިސްޓްރީއަށް ހުށަނާޅައި ފަރާތްތަކުގެ ބަޖެޓުން މި މިނިސްޓްރީން 15 ޕަސެންޓް އުނިކުރާނެ އެވެ،" ސާކިއުލާގައިވެ އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރަން ކޮންމެ މުއައްސަސާއެއްގެ ބަޖެޓުން 15 ޕަސެންޓް ކުޑަކުރަން ކެބިނެޓުން ނިންމެވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ދައުލަތުގެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދައުލަތުގެ ޑެފިސިޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.