ސައިކަލެއްގެ މަޑިދަށުން ދެ ލައްކަ ރުފިޔާ ނެގި ކަމުގެ ތުހުމަތުގައި ދެބެން ހައްޔަރު ކޮށްފި
ސައިކަލެއްގެ މަޑިދަށުން ދެ ލައްކަ ރުފިޔާ ނެގި ކަމުގެ ތުހުމަތުގައި ދެބެން އާއި އަދި އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސްއެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް މުހައްމަދު ދާއޫދު މިއަދު ވިދާޅުވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:30 ހާއިރު ބުރުޒުމަގު ޗަންމާޕާހެވަން ކުރިމަތީ ބަހައްޓާފައި ހުރި ސައިކަލުގެ މަޑިދަށުގައި ހުރި ދެ ލައްކަ ހަތަރު ހާސް ފަންސާސް ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ މ. ގުލްސަމްޕާގެ، އަހުމަދު އަރީޝް އާއި، ގދ. ރަތަފަންދޫ އައްސޭރިވިލާ، އާފިރު މުހައްމަދާއި ހަމައެގޭ ވާފިރު މުހައްމަދެވެ.

އޭނާ އަދި ވިދާޅުވީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވައްކަމުގައި އަމަލީ ގޮތުން ބައިވެރިވި ދެމީހަކު ހައްޔަރުކޮށްފައިވަނީ ދުވަހު ކުއްޔަށް ކޮޓަރިދޭ ހެންވޭރުގެ ގެއެއްގެ ތެރެއިން ކަމަށެވެ. އަދި އެމީހުން އެވަގުތު ތިބި ކޮޓަރި ތެރެއިން ގިނަ އަނދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަގަށް ނެގި ފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ ހަތްދިހަ ހާސް ހަތް ސަތޭކަ ތިރީސް ރުފިޔާ އެވެ. އަދި ވަގަށް ނެގި ފައިސާއިން ގަނެފައިވާ ދެލައްކަ ރުފިޔާގެ ތަކެތި މިހާރު ހޯދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމީހުން ނެގި ފައިސާ އަށް ގިނަ އަނދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ކުޑަކުދިންގެ ހެދުން ފަދަ ތަކެތި އާއިލާ މީހުންނަށް ގަނެދީފައިވާއިރު އެއްޗިހިގަނެފައިވަނީ ވަގަށް ނެގި ފައިސާއަށްކަން އާއިލާއަށް އެނގޭ ކަމަށްވެސް ފުލުހުންބުންޏެވެ.

ދާއޫދު ވިދާޅުވީ އެމީހުން ފައިސާ ނެގީ ބޭންކް އޮފް މޯލްޑިވްސް މަޖީދީމަގު ބްރާންޗުން ފައިސާ ނަގައިގެން ދިޔަ މީހަކަށް ފާރަލައިގެ ގޮސް އެމީހާ ސައިކަލު ޕާކްކޮށްފައި ގެއަކަށް ވަތް ވަގިތު ކަމަށެވެ.

"މި ވައްކަން ކޮށްފައިވަނީ ފައިސާގެ ވެރިފަރާތުން ފައިސާ މަޑިދަށަށްލުމަށްފަހު ކައިރީގައި ހުރި އިމާރާތަށް ވަދެފައި ނުކުތް ވަގުތު. ވީ ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓްކަން ފާހަގަކުރަން،" ދާއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމީހުންގެ މައްޗަށް ކުށްސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށާއި މައްސަލައިގެ ތަހުގީގު ވެސް ނިމިފައިވާތީ މިހާރު ކުރަމުން ދަނީ އެމައްސަލަ ޕީޖީ އަށް ފޮނުވުމުގެ މަސައްކަތް ކަމަށެވެ. ފަހަކަށް އައިސް ވައްކަމާއި ފޭރުން މާލޭގައި ގިނަވެފައިވާއިރު، ސައިކަލުތައް ވަގަށް ނެގުމާއި ގެއްލުން ދިނުމުން ދަނީ އިތުރު ވަމުންނެވެ.