07 Jun 2012, 16:37
އެމްޑީޕީން ސިޔާސީ ހަރަކާތްތައް ހިންގަމުން ދިޔަ އުސްފަސްގަނޑު ސަރަހައްދަށް ފުލުހުން އަރައި އެ ސަރަހައްދުން ގެންދިޔަ ތަކެތި އެމްޑީޕީއާ އަނބުރާ ހަވާލުރުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އުސްފަސްގަނޑުން ފުލުހުން ގެންގޮސްފައިވާ ތަކެތި އަނބުރާ ގެންދިއުމަށް ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރުމާ ގުޅިގެން އެއް މައްސަލަ ބެއްލެވުމަށް ފަހު ފަނޑިޔާރު ޔޫސުފް ހުސެއިން އިއްވި ހުކުމުގައި ވިދާޅުވީ އުސްފަސްގަނޑު ސަރަހައްދު ރުޅާލައި އެ ސަރަހައްދުން ގެންގޮސްފައި ވަނީ ކޮންއެއްޗެއް ކަން އަދި އެ އެއްޗެހި ފުލުހުން ގެންގޮސްފައި ވަނީ ކޮން ވަގުތެގައިކަން އެނގެން ނެތް ކަމަށެވެ.
އަދި ކްރިމިނަލް ކޯޓުގެ އަމުރަކާ އެކު އުސްފަސްގަނޑުބަލައި ފާސްކޮށްފައިވާ އިރު އެ ސަރައްދުގައި ހުރި އެއްޗެހި ފުލުހުންގެ ގާނޫނުގެ ދަށުން ނުގެންދެވެންވީ ސަބަބެއް ސިވިލް ކޯޓުގައި ސާބިތު ކޮށްދެވިފައިނުވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ކޯޓުން ނެރޭ އަމުރެއްގެ ބާރު ހިނގަން ފަށާނީ އެ އަމުރެއް ނެރޭ ވަގުތުން ފެށިގެން ކަމަށާއި އުސްފަސްގަނޑު ރޫޅާނުލާން ސިވިލް ކޯޓުން އަމުރު ނެރުމުގެ ކުރިން އެ ތަން ރޫޅާނުލުމަށް ފުލުހުންނަށް އެންގުމަށް ޝަރީއަތުން ދައުލަތަށް އަންގާފައިވާ އެންގުން އެ އަމުރުގެ ތެރޭގައި ހިމެނިގެން ނުދާނެ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް އުސްފަސްގަނޑު ރޫޅާނުލުމަށް ސިވިލްކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު ހައިކޯޓުން ވަނީ އެ ހުކުމަށް ތާއިދުކޮށްފަ އެވެ.