ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރިއަށްދާ ގޮތް ރައްޔިތުނަށް ފަސޭހަކަމާ އެކު އަންގައި ދިނުމަށް ޓަކައި މޯލްޑިވްސް ޑިމޮކުރަސީ ނެޓްވޯކް (އެމްޑީއެން) އިން ވެބް ސައިޓެއް އިފްތިތާހުކޮށްފި އެވެ.

ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި އެ ރަސްމިއްޔާތެއްގައި މަޖިލިސް ވޮޗު ޑޮޓްކަމް، ވެބްސައިޓް ލޯންޗްކޮށްދެއްވީ ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީއެންގެ އެގްޒެކްޓިވް ޑައިރެކްޓާ ފާތުމަތު އިބްރާހިމް ދީދީ ވިދާޅުވީ އެ ވެބްސައިޓަކީ ގާނޫނު ހަދާ މަރުހަލާ އާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަވާބުދާރީކުރުމުގެ ބޭނުމުގައި ގާއިމު ކުރި ވެބްސައިޓެއް ކަމަށެވެ.

"މި ވެބްސައިޓްގެ ޒަރިއްޔާ އިން ވަކިވަކި މެންބަރުންގެ މަސައްކަތާ ބެހޭ މައުލޫމާތާއި މަޖިލީހުގެ ތަޅުމުގައި ކުރިއަށްދާ ކަންތައްތަކާ ކޮމެޓީ މަރުހަލާގައި ކުރިއަށްދާ މަސައްކަތްތަކުގެ މައުލޫމާތު ފަސޭހަކަމާ އެކު ފޯރުކޮށްދެވޭނެ،" ފާތުމަތު އިބްރާހިމް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ވެބްސައިޓް މެދުވެރިކޮށް އެ މީހެއްގެ ދާއިރާގެ މެންބަރުނަށް ކޮމެންޓުކުރުމާއި ބިލްތަކަށް ހިޔާލުފާޅުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިދިޔަ އަހަރު އަށް ބިލަކަށް 70 އިސްލާހު އެ ޖަމިއްޔާ އިން ހުށަހެޅި ކަމަށާއި ގިނަ އަދަދެއްގެ ބިލްތައް ފާސްވެގެން ގޮސްފައި ވަނީ ހުށަހެޅި އިސްލާހުތަކާ އެކުގައި ކަމަށް ވިދާޅުވި އެވެ.

އެ ވެބްސައިޓާ ބެހޭ ގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ އެ ވެބްސައިޓްގެ ސަބަބުން ވަރަށް ގިނަ މައުލޫމާތު ލިބޭނެ ކަމަށާއި އަދި މިސައިޓު މެދުވެރިކޮށް މަޖިލީސް މެންބަރުން ޒިންމާދާރުކުރުމަށް ރައްޔިތުނަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެ ޖަމިއްޔާ އިން އިފްތިތާހްކުރި "ޕާލަމެންޓް ވޮޗް" ރިޕޯޓް ވެސް ނެރެފަ އެވެ.
އެމްޑީއެން އިން ބުނީ އެ ރިޕޯޓް ނެރުނު މަގުސަދަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލުތައް ދިރާސާކޮށް އިންސާނީ ހައްގުތަކުގެ ނަޒަރިއްޔާތަކުން އިސްލާހު ހުށައެޅުމާއި ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ މަސައްކަތްތައް ބަލައި އެ މަސައްކަތްތަކަށް ކޮމެންޓް ކުރުމުގެ ފުރުދަތު ދިނުން ކަމަށެވެ.