ބޯކޮށް ވެހުނު ވާރެއަށްފަހު މުޅި މާލޭގައި ފެންބޮޑުވުމާއެކު އުޅެން ރައްކާތެރި ނޫން މިންވަރަށް ފެން ވަތް ގޭގޭގެ އެސެސްމަންޓެއް ހަދައި ބައެއް މީހުންނަށް ވަގުތީ ހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިރޭ ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ ރެޕިޑް އެސެސްމަންޓްއިން ނުވަ ގެއެއްގައި އުޅެން ދަތިވާ މިންވަރަށް ތަޣައްޔަރުވެފައިވާކަން ފާހަގަވާ ކަމަށެވެ. އޭގެ ތެރެއިން ފަސް ގެއެއްގައި ދިރިއުޅޭ 34 މީހަކު ބަދަލުކުރުމަށް ނިންމައި، ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަކަމަށް ބުންޏެވެ.

މި ފަސް ތަނުގައި ވެސް ވަނީ ދިރިއުޅެން ދަތިވާ ވަރަށް ފެން ބޮޑުވުމުގެ ސަބަބުން ފާޚާނާ ކުރުމަށް ބުރޫ އަރާ ނަޖިސް ވަނީ ލީކުވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ފެންބޮޑުވެގެން މިހާތަނަށް މާލޭގެ 85 ތަނަކުން ގެއްލުންވާތީ ރިޕޯޓް ކޮށްފައިވެއެވެ.

ދޭތެރެދޭތެރެއިން ކުރާ ގަދަ ވިއްސާރައާއެކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެންވަނުމަކީ ހިނގާކަމެކެވެ. މީގެ ސަބަބުން ބައެއް ގެތަކުގައި މީހުން ދިރިއުޅެން ދަތިވާ ހިސާބަށް ވެސް ގޮސްފައި އެބަހުއްޓެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ލަފާ ކުރާގޮތުގައި މިއަދާއި މާދަމާ މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެއެވެ. އަދި ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިރޭ 20:00އިން ފެށިގެން 00:00ގެ ނިޔަލަށް އޮތީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.