ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިނގިރޭސި ވިލާތުގައި ރައީސް ރާޖްޕަކްސާ އާ ރައީސް ބައްދަލު ކުރެއްވީ އިއްޔެ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަސް ވެގެންދާނީ، ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން އުފެދުނު ފަހުން 47 އަހަރު ވެގެންދާނެ ދުވަސްކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ސްރީލަންކާގެ ރައީސާ ދެ ބޭފުޅުން ވެސް، ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ސަރަޙައްދީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި އެގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ވާހަކަ ދެއްކެވި ކަމަށެވެ.

7ފެބްރުއަރީ 2012ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ސްރީލަންކާ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އަށް ދެއްވި އެއްބާރުލެއްވުމަށް ޓަކައި އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ. އަދި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.