16 Apr 2024, 08:22
އާރިޒް ލިޝާގެ މޫނަށް ބަލައިލިއެވެ. މޫނަށް ގޯނާކުރަމުންދިޔަ އިސްތަށިކޮޅު އެއްފަރާތްކޮށްލަދިނީ ނުހަނު ލޯބިންނެވެ. ދެމީހުން އެކަކު އަނެކެއްގެ ދެލޮލުގެ ތެރެއަށް ގެއްލިފައި އިރުކޮޅަކު ތިއްބެވެ. އާރިޒްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އެ ރީތި އަންހެންކުއްޖާ އޭނާއަށް ގެއްލިދާނެއޭ ހީވާން ފެށިއެވެ. ލިޝާގެ އަތުގައި ހިފައި ބާރުކޮށްލީ ދުވަހަކުވެސް ދޫކޮށްނުލާށޭ ބުނާ ފަދައިންނެވެ.
********
"އަހަރެން ބޭނުން ވާހަކައެއް ބުނަން..." ދެފިކުރެއްގައި ހުރެފައި އާރިޒް ބުނެލިއެވެ.
އެހެން މީހެއްގެ ފަރާތުން ލިޝާއަށް ހަގީގަތް އެނގުމުގެ ކުރިން ހަގީގަތް ހާމަކުރަން އާރިޒް ބޭނުންވިއެވެ.
"މިހާރުތަ؟..." ލިޝާ ހުރީ ބޭރަށް ދާން ލަސްވެފައެވެ. "އޯކޭ ޓެލް މީ..."
އާރިޒް އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ވަގުތު ފޯނެއް އައެވެ. ގުޅީ ޝަފާޒެވެ. ފޯނު ނުނަގަން އުޅެފައިވެސް އާރިޒް ފޯނު ނެގީ ލިޝާ ބަލަން ހުރުމުން، އެހެން ގޮތެއް ނެތިގެންނެވެ.
"މިރޭ ބާރައިގެ ކުރިން ލިޝްއަށް ހަގީގަތް ހާމަކުރޭ!... ނޫނީ އަހަރެން އޭނައަށް އަންގާނަން..." ޝަފާޒް އިންޒާރުދީފައި ފޯނު ކަނޑައިލިއެވެ.
"ކާކު ގުޅީ؟..." އާރިޒް ހުރިގޮތުން ލިޝާ އަހައިލީ ހާސްވެފައެވެ.
"އެއީ... ނުދަންނަ ނަންބަރަކުން..." ތެދު ބުނަން އުޅެފައިވެސް، ގަދަކަމުން ހިނިތުންވެލަމުން އާރިޒް ބުންޏެވެ.
"ހިނގާ ކާން... ވަރަށް ބަނޑުހައި..." ބަނޑުގައި ފިރުމައިލަމުން ލިޝާ ބުނެލިއެވެ.
އާރިޒް ވާހަކައެއް ބުނަން އުޅުނުކަން އޭނާގެ ހަނދާނުން ކައްސައިލީ އެވަގުތު ސުމާގެ މެސެޖެއް ލިބުމުންނެވެ. ލިޝާ އާރިޒާއި އެކުގައި ދިޔައީ ސުމާއަށް މެސެޖުކުރަމުންނެވެ. ދެމީހުން ދެއްކީ، ސުމާއާއި އާރިޒް ބައްދަލުކުރުވާ ވާހަކައެވެ. އާރިޒްގެ އުފަންދުވަސް އެނގުނުފަހުން، އެ ދުވަހަށް ތައްޔާރުވުން ނޫންކަމެއް ލިޝާ ނުކުރެއެވެ. އެދުވަހު އާރިޒަށް ހާއްސަ ހަދިޔާއެއް ދޭން ލިޝާ އޮތީ ނިންމާފައެވެ. ދެމީހުން ބައްދަލުކުރުވަން ލިޝާ ބޭނުންވި އެންމެ ބޮޑު އެއް ބޭނުމަކީ އެއީއެވެ.
ދެމީހުން ގޮސް ވަނީ ކުކުޅުގެ ބާވަތްތައް ތައްޔާރުކުރާ ރެސްޓޯރެންޓަކަށެވެ. އޭރުވެސް ލިޝާ ދޭތެރެއަކުން ސުމާއަށް މެސެޖު ކުރެއެވެ.
"ހާދަ ވަރަކަށް ފޯނަށް ބަލަނީ؟..." ކެތްނުވެގެން އާރިޒަށް އަހައިލެވުނެވެ.
"ވަރަށް ސްޕެޝިއަލް ކުއްޖެއް މެސެޖުކުރަނީ...." ލިޝާ ލާނެތް ރާގަކަށް ބުނެލިއެވެ.
"އޯހް..." އާރިޒް ހީކުރީ ލިޝާ ދެއްކީ ޝަފާޒްގެ ވާހަކަ ކަމަށެވެ.
ލިޝާ ބަންޑުންވާހެން ފޯނު މޭޒުމަތީގައި ބޭއްވިއެވެ. އޭނާ އާރިޒްގެ ކައިރިއަށް ޖެހުނެވެ. ނުހަނު ކައިރިން އާރިޒްގެ މޫނަށް ބަލައިލިއެވެ.
"ޖެލަސްވީތަ؟..." ލިޝާގެ މޫނުން ފެންނަމުންދިޔައީ އުފާވެރިކަމެވެ.
"ނޯ ނޯ..." އާރިޒް އަވަސް އަވަހަށް ބުނެލިއެވެ. "ކީއްވެ ޖެލަސްވާންވީ؟..."
"ނޫން... ތީނީ ޖެލަސްވެފަ... ބަލާބަލަ މޫނުކޮޅު..." އާރިޒްގެ ކޮލުގައި ޝަހާދަތް އިނގިލި ޖައްސައިލަމުން ލިޝާ ބުންޏެވެ.
ލިޝާ އިނީ ސަމާސާކުރާހިތްވާ ކަހަލަ މޫޑެއްގައެވެ. އާރިޒް މާ މަޑުން އިނުމުން ހެއްވައިލަން ބޭނުންވިއެވެ. އާރިޒް ލިޝާގެ އަތުގައި ހިފައި ތިރިކޮށްލިއެވެ. އޭނާގެ މޫނުން އުފާވެރިކަމެއް ނުފެނުނެވެ.
"އަހަންނަށް ކުށެއް ކުރެވިފަ އޮތިއްޔާ މާފު ކުރާނަންތަ؟..." އާރިޒް އަހައިލިއެވެ.
"އޭނ؟..." އާރިޒް ފެށި ވާހަކައަކުން ލިޝާއަށްވެސް ސީރިއަސް ވެވުނެވެ.
"މިސާލަކަށް އަހަރެން ލިޝްއަށް ކަމެއް އޮޅުވާލީޔޯ... އެހެންވިޔަސް، މިގުޅުން ކުރިއަށް ގެންދާނަންތަ؟..." ލިޝާއަށް ފަހުމުވާ ވަރަށް އާރިޒް އަހައިލިއެވެ.
"ކޮންކަހަލަ ވާހަކައެއް ތި ފެށީ؟..." ލިޝާ އާރިޒާއި ދުރަށްޖެހުނެވެ.
ވޭޓަރު އައުމުން ދެމީހުންގެ ވާހަކަ މެދުކެނޑުނެވެ. އިތުރަށް އެވާހަކަ ދައްކަން އާރިޒަށް ނުކެރުނީ ލިޝާ އެހެން ވާހަކައެއް ފެށުމުންނެވެ. އާރިޒަށް ހަމަޖެހުމެއް ނުލިބުނެވެ. ލިޝާ ދެއްކި ވާހަކައަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ.
"އަހަންނަށް އެނގޭ އަހަންނާއެކީ ދާން އާރިއަށް އުނދަގޫވާނެކަން... އެކަމަކު، އައި ޕްރޮމިސް، އަހަރެން އާރިއަށް ދެރައެއް ނުދޭނަން..." ލިޝާ ވާހަކަދެއްކީ އަމިއްލަ ހިތާއެވެ.
ލިޝާ އާރިޒަށް ބަލަން އިނީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އޭނާ ހީކުރީ އާރިޒަށް ލިޝާއާއިއެކު ދާން އުނދަގޫވެގެން އެވާހަކަ ނުބުނެވިގެން އުޅެނީ ކަމަށެވެ. އާރިޒް ނުލާ ލިޝާ ރާއްޖެ ގޮސްފިނަމަ، އާރިޒަށް އަޅާލާނީ ކާކު ހެއްޔެވެ؟ އާރިޒަކީ އެކަނިވެރިއެކެވެ. އަޅާލާނެ މީހަކު ނެތެވެ.
"އަހަރެންގެ ބައްޕައަކީ ބިޒްނަސް ކުރާ މީހެއް..." ލިޝާ ކުއްލިއަކަށް ފެށި ވާހަކައަކުން އާރިޒަށް ސިހުމެއް ލިބުނެވެ. ފެންބޯން އިންދާ ކޮށިއަރާގޮތް ވިއެވެ.
"ބުނަން މިއުޅޭ އެއްޗަކީ އަހަރެމެންގެ ފިއުޗަރއާ ދޭތެރޭ ހާސްނުވައްޗޭ!... އާރި އެކޮޅަށް ގޮއްސަ އުޅޭނީ ވަރަށް އުފަލުގަ..." ލިޝާ ޔަގީންކަން ދިނެވެ. "ފައިނޭންޝިއަލީ އެއްވެސް ކަމަކަށް ދައްޗެއް ނުވާނެ..."
އާރިޒް ވިސްނައިލިއެވެ. ލިޝާގެ ހުށަހަޅުމަށް އުފަލުން ވާހަކަ ދައްކަން އޭނާ ބޭނުމެވެ. ހުރިހާ ކަމެއް ދޫކޮށްލާފައި ލިޝާއާއިއެކު ދިރިއުޅުމުގެ އައު ބާބެއް ފަށަން އާރިޒްވެސް ބޭނުންވެއެވެ. އެކަމަކު، އެކަމަށް އެތައް ހުރަހެއް އެބައޮތެވެ. އާރިޒްގެ ހިތް ބިރުގަތެވެ. އެއްކޮޅުން ޝަފާޒެވެ. އަނެއްކޮޅުން މިޖާއެވެ. އާރިޒް ރާއްޖެ ދާކަން އޭނާގެ ބައްޕައަށް އެނގިއްޖެނަމަ، ކަންތައް ވަރަށް ގޯސްވާނެއެވެ. އެކަމަށް ހުރަސްއަޅާނެއެވެ. ތަނަވަސްކަމުގެ ގޮތުން ބަލައިފިނަމަ، އޭނާގެ ބައްޕައަށް ނުވާނެކަމެއް ނޯންނާނެއެވެ.
"ގެވެސް ހުންނާނީ ހަދާފަ... ރޫމްވެސް ހަޑިއެއް ނުވާނެ..." އާރިޒް ކަންބޮޑުވެފައި އިންތަން ފެނުމުން، ލިޝާ ފަހަރަކު ވާހަކައެއް ދައްކަން ފެށިއެވެ. "ހާސްނުވައްޗޭ!... އަހަރެންގެ މަންމަމެން ވަރަށް ކޫލް ވާނެ... އާރިދެކެ ލައިކްވާނެ، ޔަގީން..."
އަމިއްލަ ނަފުސު ކުށްވެރިކުރާ ހާލު އާރިޒަށް ލިޝާގެ މޫނަށް ބަލައިލެވުނެވެ. ކޮންމެ ހާލެއްގައިވެސް ލިޝާ ވިސްނަނީ އޭނާއާއި މެދުގައެވެ. އަމިއްލަ ނަފުސަށް އުފާވެރިކަން ހޯދުމަށްވުރެ ލިޝާއަށް އާރިޒްގެ އުފާ މުހިއްމެވެ. ލިޝާ ކަހަލަ ރަނގަޅު ކުއްޖަކަށް އޭނާއަށް ދެވުނީ ކޮންފަދަ ބޮޑު ކެއްސެއް ހެއްޔެވެ؟ ހަގީގަތް އެނގޭ ދުވަހަކުން، ލިޝާ އޭނާއަށް މަޢާފުވެސް ނުކުރާނެއެވެ.
ކައި ނިންމާފައި ދެމީހުން ދިޔައީ ސިނަމާއަކަށެވެ. ބެލީ އާރިޒް ބޭނުންވި ކަހަލަ ފިލްމެކެވެ. އާރިޒް އުފާވާނެ ކަހަލަ ކަންކަން މުޅި ދުވަހު ލިޝާ ކޮށްދިނެވެ. މޯލްއަކަށް ގޮސް އާރިޒަށް އަންނައުނާއި ގަޑިއެއް ގަނެދިނެވެ. އާރިޒްގެ މުއްސަނދި ދިރިއުޅުމުގައި އޭގެ އަގެއް ނެތްނަމަވެސް، އޭނާގެ ހިތުން އެ ތަކެއްޗަށް ހާއްސަ ގަދަރެއް ދެވުނެވެ. އެއީ އޭނާގެ ހަޔާތުގައިވެސް ލިބުނު އަގުނުކުރެވޭވަރުގެ ހަދިޔާއަކަށް ވިއެވެ.
އިރު އޮއްސުނެވެ. ދެމީހުން ވަކިވާ ވަގުތު ޖެހުމުން، އާރިޒްގެ ހިތަށް އުނދަގޫވިއެވެ. އެއީ ފަހުގެ ބައްދަލުވުންހެން ހީވެ، ހިތުގެ ތެޅުން އަވަސްވިއެވެ. މަގުމަތިން ހިނގާފައި ދިޔައީ އެކަކު އަނެކެއްގެ އަތުގައި ދެމީހުންގެ އަތް ބީހިލާހާ ކައިރިންނެވެ. ހަގީގަތް ހާމަކުރަން އާރިޒް ތައްޔާރުވިއެވެ. އާރިޒް ލިޝާގެ އަތުގައި ހިފައިލަން އުޅުނެވެ. އެވަގުތުވީ ވާހަކައެއް ބުނަން ލިޝާ ހުއްޓިފައި އާރިޒާއި ކުރިމަތިލީ ވަގުތެވެ.
"އައި ލަވް ޔޫ..." އާރިޒްގެ މޭގައި މޫނު ޖައްސާލަމުން ލިޝާ ބުނެލިއެވެ.
އާރިޒް ހުރީ ހުއްޓުން އަރާފައެވެ. ލިޝާގެ ގައިގައި ހިފަހައްޓާލާނެ ހިތްވަރުވެސް އޭނާގެ ގައިގައި ނެތެވެ. ލޯބިވާ ވާހަކަ ހާމަކުރިއިރު، އާރިޒަކީ ކެހިވެރިއެއް ކަންވެސް ލިޝާއަށް ނޭނގެއެވެ.
********
ފުއްޕާހަމުން މުޅި ގޭތެރެ ޒީނަތްތެރި ކޮށްފައިވިއެވެ. ސިޓިންގްރޫމުގެ މެދުގައި ބަހައްޓާފައިވާ މޭޒުމަތީގައި އުފަންދުވަހުގެ ކޭކެއް ބައިންދާފައި އިނެވެ. ރަންކުލައިގެ ކަރުދާހުން ކަފާލާފައިވާ އަކުރުތައް ފާރުގައި ތަތްކުރަން ލިޝާ ހުއްޓެވެ. ފުއްޕާހަންތައް ވަޔާ ދާތީ، ސުމާ އުޅުނީ އެތަކެތި ހަރުނުކުރެވިގެންނެވެ.
ގެއަށް އައިއިރު ފެނުނު މަންޒަރުން ޝަފާޒްގެ ހިތް މިލައިގެން ދިޔައެވެ. އާރިޒަށް އޭނާ ދިން މުއްދަތު ހަމަވެގެންދާއިރުވެސް ހަގީގަތް ހާމަނުކުރާތީ ޝަފާޒް ހުރީ ހިތްހަމަނުޖެހިފައެވެ. އޭނާ މަޑުން ހުރީ ލިޝާގެ ހިތް ހަލާކުކޮށްލަން ބޭނުން ނުވާތީއެވެ. ފަރުދާގެ ފުރަގަހުގައި ރޭވެމުންދިޔަ އެއްވެސް ކަމެއްގެ ހިލަމެއް ޝަފާޒަށް ނުވެއެވެ.
"އަހަރެން ބުނީމަ ކޭންޑްލްތައް ރޯކުރައްޗޭ!..." ބޭރަށް ނުކުންނަމުން ލިޝާ ބުންޏެވެ.
ލިޝާ ބޭރަށް ނުކުތްއިރު، އާރިޒް ދޮރާއި އަރާ ހަމަވެއްޖެއެވެ. ގަޑިން ބާރަޖަހަން ދެމިނެޓު ހުއްޓެވެ. އެފަދަ ވަގުތެއްގައި ކުއްލިއަކަށް އަންނަން ބުނުމުން އާރިޒް ހުރީ ހާސްވެފައެވެ. އޭނާ ހީކުރީ ލިޝާއަށް ކަމެއް ދިމާވީ ކަމަށެވެ.
"ވާއު..." އާރިޒްގެ ހަރަކާތް ހުއްޓުނީ ލިޝާ ފެނުމުންނެވެ.
ރަންކުލައިގެ ދިގު ހެދުމެއްގައި ލިޝާ ހީވަނީ ހޫރު ޕަރީއެއް ހެންނެވެ. ބޮލުގެ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައި އޮތްއިރު، ދެފަރާތުން ދެ އިސްތަށިކޮޅު މޫނުމައްޗަށް ވައްޓާލާފައި އޮތެވެ. މޭކަޕްކޮށްފައި ހުރިލެއް ފުރިހަމަކަމުން ލިޝާގެ ރީތިކަން އެތައް ގުނައެއް އިތުރުކުރުވާފައިވިއެވެ. އަނދިރީގައިވެސް ލިޝާ ލައިގެން ހުރި ހެދުމުގެ ވިދުން ގަދައެވެ. އެ މޫނުކޮޅު ހަނދެއް ފަދައިން އާރިޒްގެ ކުރިމަތީގައި ދިއްލިފައިވާ ކަހަލައެވެ.
"ހިނގާބަ އެތެރެއަށް..." ފޯނުން ގަޑި ބަލައިލަމުން ލިޝާ އާރިޒްގެ އަތުގައި ހިފައިލިއެވެ.
ދެމީހުން އެތެރެއަށް ވަންއިރު މުޅި ސިޓިންގްރޫމުގައި ވަނީ އޮރެންޖު ކުލައިގެ އަލިކަމެކެވެ.
"ހެޕީ ބާތްޑޭ..." ލިޝާއާއި ސުމާ ބުނެލީ އެއް އަޑަކުންނެވެ.
މުޅި ތަން ދިއްލިގެން ދިޔައެވެ. އާރިޒަށް ލިބުނީ ސިހުމެކެވެ. އަމިއްލަ އުފަންދުވަސް ކަން އާރިޒްގެ ހަނދާނުގައިވެސް ނެތެވެ. އެހާ ފުރިހަމައަށް ތަން ތައްޔާރުކޮށްފައި ލިޝާ ދިން ސަޕްރައިޒުން އާރިޒް އަޖައިބު ނުވާންވީ ސަބަބެއް ނެތެވެ.
ކޭކުފަޅާ ނިންމާފައި އެންމެ ހަމަޖެހިލި ވަގުތު ގޭގެ ބެލް އަޅައިލި އަޑު އިވުނެވެ. ޝަފާޒް ކޮޓަރިން ނުކުމެގެން ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރި މިޖާ ފެނުމުން، ޝަފާޒްގެ މޫނުން ފެނުނީ ހާސްކަމެވެ. ސިޓިންގްރޫމުގައި ތިބި މީހުންނަށް އަވަސް ނަޒަރެއް ދީފައި، އަވަހަށް ދޮރު ލައްޕަން އުޅުނެވެ. މިޖާ ދޮރުގައި ހިފެހެއްޓިއެވެ.
"އަހަންނަށް ޝަފާޒަށް ވަގުތު ދެވިއްޖެއެއްނު...." މިޖާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. "ދެން މި ޖެހުނީ އަހަންނާ..."
"ކަންކަން ގޯސްކުރަން މަސައްކަތް ނުކުރޭ!...." ޝަފާޒް އިންޒާރު ދިނެވެ.
"ކާކުގެ ސަބަބުންތަ ގޯސްވީ؟..." މިޖާ ތަންކޮޅެއް ބާރަށް ބުނުމުން ޝަފާޒް އަވަހަށް މިޖާގެ އަނގަމަތީގައި އަތް އެޅިއެވެ.
"ކާކު؟..." ޝަފާޒް ދޮރުކައިރީގައި ގިނައިރުވުމުން، ލިޝާ އަހައިލިއެވެ.
(ނުނިމޭ)