މޮންޓެ ކާލޯ މާސްޓާސް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް ޖާގަހޯދައިފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން ޖޯކޮވިޗް ޖާގަހޯދާފައިވަނީ ކްއާޓާ ފައިނަލްގައި މި މުބާރާތުގައި އެގާރަ ވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ޖޯކޮވިޗް ހަތެއް ފަހަކުން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކުރީ ހައެއް ހަތަރަކުންނެވެ. މިކާމިޔާބީއާއެކު ޖޯކޮވިޗް މިވަނީ އަނެއްކާވެސް އާ ރިކޯޑެއް ގާއިމް ކޮށްފައެވެ. މި ކާމިޔާބީއާއެކު ޖޯކޮވިޗް މި ވަނީ އޭޓީޕީ ވަން ތައުޒަންޑް މުބާރާތް ތަކުގައި 77 ވަނަ ސެމީފައިނަލަށް ދަތުރު ކުރި ފުރަތަމަ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގައި ޖޯކޮވިޗް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަށް ވަނައަށް ސީޑު ކުރެވިފައިވާ ނޯވޭގެ ކެސްޕާ ރޫޑް އާއެވެ. މި މުބާރާތުގެ ސެމީފައިނަލުން ރޫޑް ޖާގަހޯދީ ކްއާޓާ ފައިނަލްގައި ސާދަވަނައަށް ސީޑު ކުރެވިފައިވާ ފަރަންސޭސިވިލާތުގެ އޫގޯ ހުމްބާޓް އާ ދާވަކޮށް ދެ ސެޓް އެއް ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ތިނެއް، ހަތަރެއް ހަޔެއް އަދި ހައެއް އެކަކުން ސެޓްތައް ކާމިޔާބު ކޮށްގެންނެވެ.

މި މުބާރާތުގެ ސެމީފައިނަލުން ވަނީ މި މުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާވެސް ޖާގަ ހޯދައިފައެވެ. އޭނާ ސެމީފައިނަލުން ޖާގަ ހޯދީ ކްއާޓާ ފައިނަލްގައި ހަތް ވަނައަށް ސީޑު ކުރެވިފައިވާ ޑެންމާކްގެ ހޮލްގާ ރޫން އާ ބައްދަލުކޮށް ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ސިނާ ހައެއް ހަތަރަކުން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ޓައިބްރޭކަކަށް ގޮސް އަށެއް ހަޔަކުން ކާމިޔާބު ކުރީ ރޫންއެވެ. އަދި ފަހު ސެޓު ސިނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ. މި ކާމިޔާބީއާއެކު މި ސީޒަންގައި އޭޓީޕީ މާސްޓާސް ވަން ތައުޒަންޑްގެ ތިން މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދި ހަމައެކަނި ކުޅުންތެރިޔާއަށް ސިނާ ވެގެން ގޮސްފައެވެ.

ސެމީފައިނަލްގައި ސިނާ ބައްދަލުކުރާނީ ބާރަވަނައަށް ސީޑު ކުރެވިފައިވާ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އާއެވެ. ސިޓްސިޕާސް މި މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ކްއާޓާ ފައިނަލްގައި ފަނަރަ ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ކަރެން ހާޗަނޯވް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ދެއަކުންނެވެ.