07 Jun 2012, 14:10
މިދިޔަ މަހުގެ 30 ވަނަ ދުވަހު ކުއްލިއްޔާގެ އިރަށް އޮންނަ ހަނި ގޯޅިތެރެއިން "ލޮރެންޒޯ"ޕާކް ތެރޭ މަރާލާފައި އޮއްވައި ފެނުނު ހއ. ހޯރަފުށީ ނޫރީގެ މުހައްމަދު އަރުހަމް މަރާލާފައިވަނީ ބަދަލު ހިފުމުގެ ގޮތުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސްއެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް މުހައްމަދު ދާއޫދު ވިދާޅުވީ އަރުހަމަށް ހަމަލަދީފައި ވަނީ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގާފައިވާ ޒުވާބެއް ޒާތީވެ، އެއްބަޔަކު އަނެއް ބަޔެއްގެ ކިބައިން ބަދަލު ހިފުމުގެ ރޫހުގައި ކަމަށެވެ. އަދި އަރުހަމް އަކީ ލޮރެންޒޯ ޕާކަށް އާންމުކޮށް ގޮސް އުޅޭ އެ ޕާކްގައި ތިބޭ މީހުންނާ ގާތް ގުޅުމެއް އޮންނަ ކުއްޖެއް ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.
ނަމަވެސް އަރުހަމުގެ ކުށުގެ އެއްވެސް ރެކޯޑެއް މިހާތަނަށް ފުލުސް އޮފީހުގައި ނެތް ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.
ދަރުމަންތަ ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން ދިޔަ 16އ. ގެ އަރުހަމް މަރާލި ގޮތުގެ ތަހުގީގު ވަރަށް ބާރަށް ކުރިޔަށް ދާއިރު ފުލުހުން ބުނީ މިހާތަނަށް ފަސްމީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން އެއިން އެއްވެސް މީހެއްގެ މައުލޫމާތެއް އަދި އާންމެއް ނުކުރެ އެވެ.
ދާއޫދު އަދި ވިދާޅުވީ ހައްޔަރު ކުރި އެންމެންނަކީ ވެސް 18 އަހަރުން މަތީގެ މީހުން ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތަރު މީހަކީ މާރާމާރީގެ ރެކޯޑް އޮންނަ ބައެއް ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަރުހަމްގެ ތަހުގީގުގައި އެންމެ ބޮޑަތި ކުރިއެރުންތަކެއް ލިބިފައިވަނީ ސީސީޓީވީގެ ފްޓޭޖްގެ އެހީގައި ކަމަށެވެ.
"މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތަރު މީހުންނަކީ މީހަކު މަރާލެވިދާނެފަދަ ހަތިޔާރު ބޭނުންކޮށްގެން ބޮޑެތި މާރާމާރީގެ ރެކޯޑް އޮންނަ މީހުން،" ދާއޫދު ވިދާޅުވި އެވެ.
އަރުހަމް މަރާލާފައި އޮއްވައި ފެނިފައި ވަނީ މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 6:00 ޖަހާކަންހާއިރު މާލެ ތެރެ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށެވެ. އޭރު އަރުހަމް އޮތީ ލޭތަކާއި އެކު ޕާކްގެ ކަނަކަށް ވާގޮތަށް އުއްޑުން ވެއްޓިފަ އެވެ.
ފުލުހުން ބުނެފައި ވަނީ އަރުހަމް މަރާލި މައްސަލައިގެ ތަހުގީގު ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިޔަށް ގެންދާނެ ކަމަށާއި އެކަމުގައި ފުލުހުންގެ ހުރިހާ ރިސޯސްއެއް ބޭނުންކޮށް ކުށްވެރިވާ ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތްތައް ހަލުވިކަމާއެކު ކުރިޔަށް ގެންދާނެ ކަމަށެވެ.