މިދިޔަ ފެބްރުއަރީ މަހު ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ހުއްޓައި ގޭންގެއްގެ ބަޔަކު ވަޅިން ހަމަލާދީ މަރާލި ގ. ވޭރު އަބުދުލް މުހީތު ( ބޮބީ) 21ގެ އާއިލާ އިން ބޭނުން ވަނީ އިންސާފެވެ. ހަމަ އެކަނި ބޮބީއަކަށް ނޫނެވެ. ގޭންގްތަކުން ހިންގާފައިވާ އެފަދަ އަނިޔާވެރި ޖަރީމާތަކުގެ ޝިކާރަޔަކަށްވެ، ދުނިޔެ ދޫކުރި އެންމެންނަށެވެ.

މިއަދު މެންދުރު ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ބޮބީގެ އާއިލާ އިން ބޭއްވި ހިމޭންވެލުމަކީ އިންސާފު ހޯދުމުގެ މަސައްކަތުގެ ބައެއް ކަމަށް އާއިލާ އިން ބުންޏެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ އިންސާފު، ބޮބީއަށާއި އެއަނިޔާވެރިންގެ އަނިޔާގައި ފުރާނަ ގެއްލުނު އެންމެންނަށް،" ބޮބީގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި އޭނަގެ ދައްތަ އަކު ބުންޏެވެ.

ބޮބީގެ ހަނދާނުގައި ބޭއްވި ސްކޫތުގައި 200 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އެހުރިހާ އެންމެންނާ އެކު ބޮބީގެ އާއިލާ އިން އޭނާގެ މައްޗަށް ހެޔޮދުއާ ކުރިއެވެ. "އަނިޔާވެރިންގެ މައްޗަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި ތައުފީގު ދެއްވައި، އަނިޔާވެރިން ނިކަމެތި ކުރެއްވުން އެދި" އެ ދުއާގައި ﷲ އަށް ދެންނެވި އެވެ.
ބޮބީގެ ހަނދާނުގައި ބޭއްވި ސްކޫތާއި ދުއާއަށް ފަހު ވާހަކަ ދެއްކި އާއިލާގެ ކޮންމެ މެމްބަރަކު ވެސް ބުނީ އެއީ ހެޔޮލަފާ ރަނގަޅު ކުއްޖެއް ކަމަށާއި އޭނާ ނެތުމުން ފުން ހިތާމަ ލިބިފައިވާ ކަމަށެވެ.

"އެއީ 24 ކުދިން ތިބި މި އާއިލާގެ އެންމެ ހަގު މެމްބަރު، އެ ހާދިސާ ހިނގީ އަޅުގަނޑުމެންނަށް ޝޮކެއް ލިބޭ ފަދަ ގޮތަަކަށް. އެދުވަހު އަޅުގަނޑުމެން ބޭއްވި ކުޑަކުޑަ އިވެންޓެއް. އާއިލީ ކެއުމެއް ނިންމާލާފައި ނުކުތް ވަގުތު،" ބޮބީގެ އާއިލާގެ މެމްބަރަކު އަސަރަ އެކީ ބުންޏެވެ.

ވަޅިން ހަމަލާދީ މީހުން މެރުން ފަހަކަށް އައިސް ރާއްޖޭގައި ވަނީ އާއްމު ވެފަ އެވެ. އެގޮތުން މިމަހުގެ ތެރޭގައި އަނިޔާވެރި ގޮތަކަށް ދެމީހުން މަރާލާފައި ވާއިރު ޒަހަމްކޮށްލާފައި އޮތް މީހަކު މިހާރުވެސް އޭޑީކޭ ހޮސްޕިޓަލްގައި އެބަ އޮތެވެ. ކައިރި ކައިރީގައި މިފަދަ ހާދިސާތައް ހިނގަމުން ދިޔަ ނަމަވެސް އެކަން ހުއްޓުވުމަށް އަމާޒުކޮށްގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގާތީއެއް ނުފެނެ އެވެ.

މީހުން މަރާ މީހުންނަށް ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި މަރުގެ އަދަބު ކަނޑައަޅާފައި އޮތް ނަމަވެސް ރާއްޖޭގައި އެކަން ތަންފީޒެއް ނުކުރެއެވެ.