07 Jun 2012, 13:43
ޑީއާރުޕީ އާއި އެމްޑީޕީ އާއި ޕީޕީއެމް އިން ވެސް މިރޭ ބާއްވަނީ "ހާއްސަ" ޖަލްސާތަކެއް ކަމަށް އެ ޕާޓީތަކުން ބުނެފި އެވެ.
ގިނަ ދުވަސްތަކަކަށް ފަހު މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ޑީއާރުޕީން ބާއްވާ ޖަލްސާއަކީ "ހާއްސަ" ޖަލްސާއެއް ކަމަށް އެ ޕާޓީން ބުންޏެވެ. އެ ޖަލްސާގައި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީގެ އިތުރުން އެ ޕާޓީއާ އެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރަމުން އަންނަ ގައުމީ ޕާޓީގެ އިސް މެންބަރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޑީއާރުޕީން ބުންޏެވެ.
އެމްޑީޕީން މިރޭ އުސްފަސްގަނޑުގައި ބާއްވާ ޖަލްސާއަކީ ވެސް "ހާއްސަ" ޖަލްސާއެއް ކަމަށް އެ ޕާޓީ އިން ވަނީ ބުނެފަ އެވެ. އަދި މިއީ އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި ނައިބު ރައީސް އަލްހާނު ފަހުމީ ޕާޓީން ވަކިވެވަޑައިގަތް ފަހުން ބާއްވާ ފުރަތަމަ "ހާއްސަ" ޖަލްސާ އެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ފަރާތްޕުން މިރޭ، އެންދެރިމާގޭގައި ބާއްވާ ހަފުލާ އަކީ ވެސް "ވަރަށް ހާއްސަ" ހަފްލާއެއް ކަމަށް އެ ޕާޓީން ބުންޏެވެ. "އެންދެރި ޖަގަހަ"ގައި އޮންނަ ހަފުލާގައި ޕީޕީއެމަށް ތައީދުކުރާ ގިނަ މީހުން ބައިވެރިވުމަށް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ.