ބޮލީވުޑުގެ މަޝްހޫރު ތަރިއެއް ކަމުގައިވާ ރަންބީރު ކަޕޫރު މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން އުދޭޕޫރުގެ ފުލުހުން އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށްފިއެވެ.

ރަންބީރު (ފޮޓޯގައި) އުދޭޕޫރަށް ދިޔައީ ފިލްމެއްގެ ޝޫޓިން އަކަށެވެ. އޭނާ މަގުމަތީގައި ސިނގިރެޓު ބޯ މަންޒަރުތައް އެ ރަށުގެ ދުވަހު ނޫސްތަކުގައި ޖެހުމާ އެކު، އެ ރަށުގެ ބަޔަކު ވަނީ އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ. މައްސަލަ ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވި ހަރިޝް ވައިޝްނަވް ބުނާ ގޮތުގައި އެމީހުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅި މައިގަނޑު ސަބަބަކީ ފިލްމީ ތަރީންގެ އަމަލުތައް ކޮޕީ ކުރާ ޒުވާނުން ގިނަ ކަމުން، ރަންބީރުގެ މި އަމަލުގެ ސަބަބުން އުދޭޕޫރުގެ ޒުވާނުންނަށް ނުބައި އަސަރުތަކެއް ކޮށްފާނެތީއެވެ. އަނެއްކޮޅުން އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އިންޑިޔާގައި ގާނޫނީ ކުށެކެވެ.

ރާޖަސްތާނުގެ ފުލުހުން ބުނާ ގޮތުގައި އެމީހުން ރަންބީރު ހައްޔަރުކުރީ "ރާޖަސްތާން ޕްރިވެންޝަން އޮފް ސްމޯކިންގ އެކްޓް" މި ގާނޫނުގެ ދަށުންނެވެ. މި ގާނޫނުގައިވާ ގޮތުން އާންމު ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް 6 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވިދާނެއެވެ. ނުވަތަ 200 ރުޕީސް އިން ޖުރުމާނާ ކުރެވިދާނެއެވެ. ރަންބީރު ދެން ކޯޓަށް ހާޒިރުވާން ޖެހެނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.