15 Aug 2010, 07:55
12:55
ޔޫތު މިނިސްޓަރު ހަސަން ލަތީފު، ދިވެހި ގައުމީ ޕާޓީގެ ޑިޕިއުޓީ ލީޑަރު އިމާދު ސޯލިހުގެ މައްޗަށް އަބުރުގެ ދައުވާއެއް ކުރެއްވުމުން އެދުވާގެ ޝަރީއަތް މިއަދު މަދަނީ ކޯޓުގައި ފަށައިފި އެވެ.
ހެނދުނު މަދަނީ ކޯޓުގައި އޮތް ދައުވާގައި މިނިސްޓަރު ހަސަން ލަތީފާއި އޭނާގެ ވަކީލު އަހުމަދު އަބްދުﷲ އަފީފު، ކޯޓަށް ވަޑައިގެން ހުށަހެޅުއްވި ދައުވާގައި ބުނަނީ މިދިޔަ ޖުލައި މަހު ދިޓީވީގެ ޕްރޮގްރާމެއްގައި އިމާދު ސޯލިހު ދެއްކެވި ވާހަފުޅެއްގެ ސަބަބުން ގާނޫނު އަސާސީގެ 33 ވަނަ މާއްދާގައި ބުނާ ކޮންމެ މީހަކަށްމެ، ލިބިގެންވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުން ހަސަން ލަތީފު މަހުރޫމްވެ، ގެއްލުންތައް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ދިޓީވީ ޗެނަލްގައި އިމާދު ވިދާޅުވިކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ކޯޓަށް ހުށަހެޅުއްވެވި ލިޔުމުގައި އޮންނަނީ "ބައެއް ބޭފުޅުން ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން ރަށްރަށް ވަޑައިގެން އެކިއެކި ކޮންޓްރެކްޓްތަކުގައި ސޮއިވެސް ކުރައްވަނީ. އަޅުގަނޑު ހަމަ ނަންވެސް ފާހަގަކޮށްލަން ބޭނުންވޭ، މިއީ ޔޫތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ހަސަން ލަތީފު. [އޭނާ] އައްޑު އަތޮޅަށް ވަޑައިގެން އައްޑު އަތޮޅު މަރަދޫފޭދޫގެ ޔޫތު ސެންޓަރުގެ އެގްރިމެންޓްގައި ސޮއިކުރެއްވި ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ވަނީ ލިބިފައި. [އެއީ] ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު..." ކަމަށެވެ.
މިނިސްޓަރުގެ ދައުވާގައި ބުނަނީ އިމާދުގެ އެ ވާހަކަތަކުގެ ސަބަބުން އޭނާގެ ނަމާއި އަބުރު ގެއްލިފައިވާ ކަމަށެވެ. އިމާދު އިޝާރާތްކުރައްވާ އެގްރިމެންޓްގައި ސޮއިކޮށްފައި ވަނީ ޔޫތު މިނސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށާއި އޭނާ ސޮއިކުރެއްވެވި ކަމަށް އިމާދު އާންމު ކުރެއްވި މައުލޫމާތުގެ ސަބަބުން ރައްޔިތުން އޭނާ އަށް ކުރަމުން އައި އިތުބާރު ވެސް ގެއްލިފައިވާ ކަމަށެވެ.
ދައުވާގައި އަދި ބުނަނީ 7 އޯގަސްޓް 2010ގައި ރައީސް މުހަންމަދު ނަޝީދު އެކުލަވައިލެއްވެވި ކެބިނެޓްގައި ވެސް އޭނާ ހިމެނި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާއިރު ދިޓީވީގައި އިމާދު ދައްކަވާފައިވާ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ވެސް އޭނާއާ މެދު ދެކޭ ގޮތް ބަދަލުވެ ސުވާލުތައް އުފެދިފައިވާ ކަމަށެވެ.
އަބުރުގެ މި ދައުވާގައި މިނިސްޓަރު ހަސަން ލަތީފު އެދިވަޑައިގެންފައި ވަނީ އިމާދު ދެއްކެވީ ހަގީގަތާ ހިލާފު ވާހަކައެއް ކަމާއި އޭނާ އެ ވާހަކަ ދެއްކެވި ޗެނަލް މެދުވެރިކޮށް ރައްޔިތުންގެ ކުރިމަތީގައި އޭނާގެ ކިބައިން މާފަށް އެދުމަށެވެ.
މިނިސްޓަރު ހަސަންގެ ދައުވާގައި ބުނަނީ މިފަދަ ބަދަލަކަށް އެދުނީ ފުރިހަމަ މާލީ ބަދަލެއް އިމާދު ސޯލިހަށް ހޯއްދަވައިދެއްވޭނެ ކަމަށް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ.
މިއަދު އޮތް ޝަރީއަތުގައި އިމާދު ވިދާޅުވީ މިނިސްޓަރު ހަސަން ލަތީފުގެ ދައުވާއަކީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށެވެ. ދައުވާ ސާބިތު ކުރަން ހުށަހަޅާފައިވާ އިބާރާތަށް ބެލިޔަސް އެއީ އެހެން ފަރާތަކުން ލިބުނު މައުލޫމާތެއް ކަން އެނގޭ ކަމަށެވެ. އެ މައުލޫމާތު ލިބުނު ގޮތް ސިއްރު ކުރުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށް ވެސް އިމާދު ވިދާޅުވިއެވެ.
މި މައްސަލަ މިއަދު ފެށި އިރު 2007 ވަނަ އަހަރު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކަށް އިމާދު ހުންނެވި އިރު އެ މަޖިލީހުގެ ޅ. އަތޮޅުގެ މެންބަރު ހުސައިން އިބރާހީމަށް ނިސްބަތް ކުރައްވައި "ނގ.." ވިދާޅުވި ކަމަށް ބުނެ ވެސް އިމާދުގެ މައްޗަށް އަބުރުގެ ދައުވާއެއް ކުރި އެވެ.