އިރުގެ ހަކަތައިން ދުއްވާ މަތިންދާބޯޓުގެ އާ ދަތުރުތަކުގެ ދެވަނަ ބުރުގައި ދާން ހަމަޖެހިފައިވަނީ އިސްޕެއިނުން މޮރޮކޯއަށް ކަމުގައި ބީބީސީން ހާމަކޮށްފިއެވެ. ބާޓްރަން ޕިކަރޑްގެ ޕައިލެޓުކަމުގައި މި ބޯޓު މޮރޮކޯގެ ވެރިރަށް ރަބާތުގައި ޖައްސާނީ ހަވީރުގެ ވަގުތެއްގައެވެ. އެއަރބަސް އޭ340 އަކާ އެއްވަރު މި ބޯޓު ދުއްވަނީ 12000 ސޯލާބެޓެރީ އާއި 4 އިލެކްޓްރިކް މޯޓަރުގެ އެހީގައެވެ.

މި ބޯޓުގެ 2500 ކިލޯމީޓަރުގެ ދަތުރު ފަށައިފައިވަނީ ސްވިޒަރލޭންޑުންނެވެ. މިއީ މި ބޯޓުގައި 2014 ވަނަ އަހަރު މުޅި ދުނިޔޭގައި ކުރާން ހަމަޖެހިފައިވާ ދަތުރުގެ ރިހާސަލް ދަތުރެއް ކަމަށް ބީބީސީން ބުނެއެވެ.

މި ބޯޓު އުފެއްދި ކުންފުނިން ބުނާ ގޮތުގައި އެއަރބަސް އޭ340 ގެ ބޯޓަކާ އެއްވަރު ނަމަވެސް ކާބަން ފައިބަރުން އުފައްދައިފައިވާ މި ބޯޓުގެ ބަރުދަނަކީ އާދައިގެ ކާރެއްގެ ބަރުދަނެވެ. މި ބޯޓުގެ ދަތުރުތައް ކުރަމުންދާ ވަގުތުގައި، ބޯޓު ދުއްވަމުންދާ އުސްމިނާއި އިސްޕީޑާއި ބޯޓުގެ ބެޓެރީގެ ހާލަތު، މި ބޯޓު އުފެއްދި ކުންފުނީގެ ވެބްސައިޓުން އެނގެން ހުންނާނެ ކަމަށް އެފަރާތުން ބުނެއެވެ.

މި މަތިންދާބޯޓުގެ ޕައިލެޓު އަދި ކުރީގެ ބެލޫނިސްޓެއް ކަމުގައިވާ ޕިކަރޑް ބުނާ ގޮތުގައި އިރުގެ ހަކަތައިން ދުއްވާ މަތިންދާބޯޓެއްގައި ދަތުރު ކުރެވޭ ކަމީ އޭނާއަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެކެވެ.

އިރުގެ ހަކަތައިން ދުއްވާ މަތިންދާބޯޓުގެ މަޝްރޫއު 2003 ގައި ފެށީ ޕިކަރޑް އާއި ސްވިސް ޕައިލެޓެއް ކަމުގައިވާ އަންދްރޭ ބޮޝްބާގެވެ. ސްވިޒަރލޭންޑުން މެޑްރިޑަށް މި ބޯޓު ކުރި ދަތުރުގައި ޕައިލެޓަކަށް ހުރީ އަންދްރޭއެވެ. މި މަތިންދާބޯޓަކީ އިރުގެ ހަކަތައިން ދުއްވާ މަތިންދާބޯޓުތަކުގެ ތެރެއިން ހުއްޓުމެއްނެތި 26 ގަޑިއިރު އިންސާނުންނާއެކު ދަތުރުކުރި ހަމަ އެކަނި މަތިންދާބޯޓަށް ވުމުން، 2010 ވަނަ އަހަރުގެ ޖުލައި މަހުގައި މި ބޯޓު ވަނީ ތާރީހުގެ ތެރެއަށް ވަދެގެން ގޮސްފައެވެ. ރޭގަނޑުގެ ވަގުތުތަކުގައި ދުއްވަން ބޭނުންވާ މިންވަރަށް ވެސް އިރުގެ ހަކަތަ ލިބޭނެކަން މި ތާރީހީ އުދުހުމުން ވަނީ ސާބިތުވެގެން ގޮސްފައެވެ.

މިހާރު ކުރަމުންދާ ރިހާސަލް ދަތުރުތައް ނިމުމުން 2014 ވަނަ އަހަރު މުޅި ދުނިޔޭގެ ބުރަކަށް މި މަތިންދާބޯޓު ތައްޔާރުކުރުމުގެ މަސައްކަތްކުރާނެ ކަމަށް، މި ކަންތައް އިންތިޒާމުކުރާ ފަރާތުން ހާމަކުރެއެވެ.