11 Apr 2024, 22:24
މޮންޓެ ކާލޯ މާސްޓާސް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ތިންވަނަ ބުރުން މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ތިންވަނަ ބުރުން ސިނާ ޖާގަހޯދީ ދެވަނަ ބުރުގައި އެމެރިކާގެ ސެބަސްޓިއަން ކޯޑާ އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް އެކެއް އަދި ހައެއް ދެއަކުންނެވެ.
މިމުބާރާތުގެ ތިންވަނަ ބުރުގައި ސިނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޖަރުމަނުވިލާތުގެ ޔާން ލެނާޑް ސްޓުރުފްއާއެވެ. މިމުބާރާތުގެ ތިންވަނަ ބުރުން ސްޓުރުފް ޖާގަހޯދީ ދެވަނަ ބުރުގައި ކްރޮއޭޝިއާގެ ބޯނާ ކޯރިޗް އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ހަޔެއް އަދި ހައެއް އެކަކުންނެވެ.
މިމުބާރާތުގެ ދެވަނަ ބުރުން ވަނީ ތިން ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް ވެސް ޖާގަހޯދައިފައެވެ. އޭނާ މިމުބާރާތުގެ ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ފަރަންސޭސިވިލާތުގެ ގައިލް މޮންފީސްއާ ބައްދަލުކުރި މެޗު ހައެއް ދެއެއްއަދި ހައެއް ހަތަރަކުން ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގެ ތިންވަނަ ބުރުގައި މެޑްވެޑޭވް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ރަޝިއާއަށް ނިސްބަތްވާ 15 ވަނައަށް ސީޑް ކުރެވިފައިވާ ކަރެން ހާޗަނޯވް އާއެވެ. ހާޗަނޯވް ތިންވަނަ ބުރުން ޖާގަހޯދީ އާޖެންޓީނާގެ ފްރަންސިސްކޯ ސެރުންޑޯލޯއާ ބައްދަލުކުރި މެޗު ދެ ސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ރަޝިއާގެ އަންޑްރޭ ރުބްލޭވްވަނީ ދެވަނަ ބުރުގައި އޮސްޓްރޭލިއާގެ އެލެކްސީ ޕޮޕިރިން އަތުން ސިދާ ދެސެޓުން ބަލިވެފައެވެ. ތިންވަނަ ބުރުގައި ޕޮޕިރިން ބައްދަލު ކުރާނީ އަމިއްލަ ޤައުމަށް ނިސްބަތްވާ 11 ވަނައަށް ސީދު ކުރެވިފައިވާ އެލެކްސް ޑި މިނޯއާއެވެ. އޭނާ ތިންވަނަ ބުރުން ޖާގަހޯދީ ނެދަލަންޑްސްގެ ޓެލޮން ގްރީކްސްޕޯ އާއި ބައްދަލުކުރި މެޗު ދެއެއް ހައެއް، ހައެއް ދެއެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްގެންނެވެ.
މީގެއިތުރުން ތިންވަނަ ބުރުން ޖާގަހޯދާފައިވާ ކުޅުންތެރިންގެ ތެރޭގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް އާއި 12 ވަނައަށް ސީޑު ކުރެވިފައިވަ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ހިމެނެއެވެ.