ޔުއޭފާ ޗެމްޕިއަންސް ލީގު ކްއާޓާ ފައިނަލްގައި އެޓްލެޓިކޯ މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑު ރޭ ބައްދަލުކުރި ފުރަތަމަ ލެގު އެޓްލެޓިކޯއިން ކާމިޔާބު ކޮށްފިއެވެ.

އެޓްލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ޑޯޓްމަންޑުން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އެޓްލެޓިކޯއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔައީ އެޓްލެޓިކޯގެ މޮޅު ކުޅުމެވެ. މި ގޮތުން އެޓްލެޓިކޯއިން ވަނީ މެޗުގެ ހަތަރު ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑުވެސް ނަގައިފައެވެ. ޑޯޓްމަންޑުގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރޮޑްރިގޯ ޑި ޕޯލްއެވެ.

މި މެޗުގެ ކުރީކޮޅު ޑޯޓްމުންޑަށް ވަނީ އެޓްލެޓިކޯގެ ފަރާތުން ގިނަ ހަމަލާތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި އެޓްލެޓިކޯއިން އުފައްދަމުންދިޔަ ހަމަލާ ތަކުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 32 ވަނަ މިނެޓުގައި ސެމިއުލް ލީނޯ ޖަހައިދިން ލަނޑުން މެޗުގެ ލީޑު ފުޅާ ކުރުމެވެ.

މި މެޗުގެ ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ޑޯޓްމަންޑުން ވަނީ ތަންކޮޅެއް ހަމަޖެހިގެން ކުޅެ އެޓްލެޓިކޯގެ ގޯލަށް ނުރައްކާ ކުރަން ފަށައިފައެވެ. އަދި އެޓްލެޓިކޯއަށް ލިބިފައިވި ލީޑު ދިފާއު ކުރުމަށް އެ ޓީމު ކުޑަކޮށް ފަހަތަށް ޖެހިލުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 81 ވަނަ މިނެޓުގައި ޑޯޓްމަންޑުން ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ބަދަލު ކުރުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސެބަސްޓިއަން ހާލާއެވެ.

މި މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ޑޯޓްމަންޑުން ވަނީ އެޓްލެޓިކޯގެ އިތުރު ހަމަލާ ދީ ލަނޑެއް ޖެހުމާވެސް ގާތަށް ގޮސްފައެވެ. ނަމަވެސް މެޗު ނިމިގެންދިޔައީ މި ނަތީޖާއަށް އިތުރު ބަދަލެއް ނައިސް އެއް ލަނޑުގެ ތަފާތުން އެޓްލެޓިކޯއިން މެޗު ކާމިޔާބު ކޮށްގެންނެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގު މިއަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ ޑޯޓްމަންޑުގެ ދަނޑުގައި ކުޅެން އޮތުމާއެކު މި މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދުމުގެ ފުރުސަތު މި ދެޓީމަށް ވެސް ދާދި ހަމަހަމަކޮށް ލިބިފައިއެބައޮތެވެ. ރޭގެ މެޗު ކާމިޔާބު ކޮށްފައިވުމުން ކުޑަ އެޑްވާންޓޭޖެއް އެޓްލެޓިކޯއަށް އޮތް ނަމަވެސް އެއެޑްވާންޓޭޖް ދެވަނަ ލެގުގެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގެއްލިގެންދިއުމަކީ ވެސް ގާތް ކަމެކެވެ. އެހެން ކަމުން ދެވަނަ ލެގުގެ ފޯރި އަދި މި މެޗަށްވުރެ ގަދަވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ.