ޔުއޭފާ ޗެމްޕިއަންސް ލީގު ކްއާޓާ ފައިނަލްގައި ޕެރިސް ސެއިންޓް ޖާމެއިން އާއި އެފްސީ ބާސެލޯނާ ބައްދަލުކުރި ފުރަތަމަ ލެގު ފަހަތުން އަރާ ބާސާއިން ކާމިޔާބުކޮށް ސެމީފައިނަލާ އެއް ފިޔަވަޅު ގާތަށް ޖެހިލައިފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ދެ ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީއިންނެވެ. މި މެޗު ޕީއެސްޖީއިން ވަރަށް ފޯރީގައި ފަށާ ބާސާގެ ގޯލަށް ހަމަލާ ދިން ނަމަވެސް ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ބާސާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ޕީއެސްޖީއަށްވެސް ނުރައްކާ ކުރަން ފަށައިފައެވެ.

ނަތީޖާ އަކަށް ވެގެން ދިޔައީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ބާސާއިން ނެގުމެވެ. މެޗުގެ 37 ވަނަ މިނެޓުގައި ކާމިޔާބު ކުރި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރަފީނިއާއެވެ.

ފުރަތަމަ ހާފު ފަހަތުގައި އޮވެގެން ނިންމާލި ނަމަވެސް ޕީއެސްޖީއިން ވަނީ ދެވަނަ ހާފު ފެށިތާ ތިން ވަނަ މިނެޓުގައި ބާސާއަށް ކުރިން ކުޅުނު އޮސްމާން ޑެމްބެލޭ ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި މި ލަނޑާއެކު އިތުރު ހިތްވަރަކާއެކު ކުޅެމުންދިޔަ ޕީއެސްޖީއިން ވަނީ މެޗުގެ 51 ވަނަ މިނެޓުގައި އެ ޓީމުން އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނަގައިފައެވެ.

މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވިޓީނިއާއެވެ. މިއާއެކު ޕީއެސްޖީއިން ހަމަޖެހިލި ނަމަވެސް ބާސާގެ ކޯޗު ޒާވީ ހެނާންޑޭޒް އޭނާގެ ޓީމަށް ގެނައި ބަދަލު ތަކާއެކު މެޗުގެ އޮއެވަރު އަނެއްކާވެސް ބާސާކޮޅަށް އަނބުރާލިއެވެ. މި ގޮތުން ޕެޑްރީ ކުޅެން އެރިތާ އިރުކޮޅެއްގެ ތެރޭގައި ތަނަވަސްކޮށްދިން ފުރުސަތަކުން ރަފީނިއާ ވަނީ އޭނާ މި މެޗުގައި ކާމިޔާބު ކުރި ދެވަނަ ލަނޑާއެކު މެޗުގެ ނަތީޖާ ބާސާއަށް ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ 77 ވަނަ މިނެޓުގައި މި މެޗުން ބާސާ މޮޅުވި ލަނޑު ޖަހައިދިނީވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަންޑްރިއާސް ކްރިސްޓެންސެންއެވެ.

މި މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެ ފުރުސަތު ތަކުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މި މެޗުގައި ޕީއެސްޖީގެ ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާޕޭއަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މި ދެ ޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވާ އަންގާރަ ދުވަހު ބާސާގެ ދަނޑުގައެވެ. އެހެންކަމުން ރަށުން ބޭރުގައި ހޯދި މި ކާމިޔާބީއާއެކު ބާސާއަށް މިހާރު މިވަނީ މި މުބާރާތުގެ ސެމީފައިނަލަށް ދިއުމުގެ ފުރުސަތު އިތުރު ވެގެން ގޮސްފައެވެ. ނަމަވެސް ދެވަނަ ލެގު ޕީއެސްޖީއިން ބާސާގެ ދަނޑުގައި ކުޅެ ކާމިޔާބު ކޮށް ދެވަނަ ބުރަން ދިއުމުގެ ފުރުސަތު އެ ޓީމަށް ވެސް އަދި މުޅިން ނުގެންލެއެވެ.