07 Jun 2012, 12:41
ރާއްޖޭގެ ރުއްތައް މުސްކުޅިވެ މަތިވަރު ގެއްލިފައިވާތީ ރަށްރަށުގައި ރުއްދަނޑު އާލާ ކުރުމުގެ އާ ޕްރޮގްރާމެއް ފަށަން އެގްރިކަލްޗަރު މިނިސްޓްރީން ނިންމައިފި އެވެ.
މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ އާ ޕްރޮގްރާމްގެ ދަށުން ރަށްރަށުގައި ރުއްދަނޑުތައް އާލާކުރަން ނިންމާފައިވަނީ ރާއްޖޭގެ ރުއްތައް މުސްކުޅިވުމުގެ ސަބަބުން އެ ރުއްތަކުން ލިބެން ޖެހޭ ކާށީގެ އަދަދު މަދުވުމަށް ހައްލު ހޯދުމަށާއި ރުއްތަކުގެ މަތިވެރި އިތުރުކޮަށް ރާއްޖޭގައި އަލުން ރުއް އާލާ ކުރުމުގެ ބޭނުމުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމްގައި 37 ރަށުގެ ތެރެއިން ކޮންމެ ރަށެއްގައި 100 ރުކުގެ ރުއްދަނޑެއް މުޑުވައްކޮށް އާލާ ކުރާނެ ކަމަށެވެ.
ސްޓޭޓް މިނިސްޓަރު ފުވާދު ގާސިމް (ފޯޑް) ވިދާޅުވީ ދިވެހި ރުއްތައް މުސްކުޅިވެ، ދިގުވުމުގެ ސަބަބުން ކާށި ހޯދަން ދައްޗާ ކުރިމަތިވުމާއެކު އެފަދަ ރުއްތަކުން ކާށި އެޅުމުގެ އުނދަގުލާ ވެސް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަހަރު ތެރޭގައި ފަށާ އަލުން ރާއްޖޭގެ ރުއްކަރަ އާލާ ކުރުމުގެ ޕްރޮގްރާމަކީ މުސްތުގުބަލުގައި އެކަމަށް ހައްލު ގެނެސްދޭނެ މަސައްކަތަކަށް ވާނެ ކަމަށެވެ.
"ރަނގަޅު ކާށި ހޯދައި ރުއްފަޅުވައިގެން އާ މުޑުވައްތަކެއް ހެއްދޭތޯ މަސައްކަތް ކުރަމުން މިދަނީ. ބައެއް ރަށްރަށުގެ ކައުންސިލްތަކަށް އަންގައިގެން ކާށި މުޑުވައްކޮށްގެން ރުއް ފެޅުވުމުގެ މަސައްކަތް ތަކެއް ކުރިޔަށް ގެންދާނަން" ފޯޑް ވިދާޅުވި އެވެ.
މިނިސްޓްރީގެ އެހީތެރިކަމާއެކު ކުކުޅު އާލާ ކުރާ ޕޯޓްރީ ފާމްތަކެއް ރަށްރަށުގެ ޖަމިއްޔާ ހަވަލުކޮށްގެން ހިންގަން މަސައްކަތްކުރާ ކަމަށް ވެސް ދަނޑުވެރިކަމާބެހޭ މިނިސްޓްރީން ބުންޏެވެ. ބުނީ ރާއްޖޭގެ ހަތަރު ރަށެއްގައި ޕޯލްޓްރީފާމް ހަދާނެ ކަމަށެވެ.