11 Apr 2024, 09:38
އިންޑިއާގެ މަޝްހޫރު ޓެލެވިޒަން ބަތަލާ އަންކިތާ ލޯކަންޑޭއަށް އިންޑިއާގެ ތާރީޚީ މުހިއްމު ވާހަކައެއް ކިޔައިދޭ ވެބް ސީރީސްއަކަށް ސޮއިކޮށްފައިވާކަން އިއުލާނުކޮށްފިއެވެ.
މި ވެބް ސީރީސް އަކީ މަގުބޫލު ފިލްމުތައް ކަމަށްވާ "ޖުންދު"، "ބޫމީ" އަދި "ސަރްބްޖިތު" ޕްރޮޑިއުސްކުރުމުގައި ބައިވެރިވެފައިވާ ސަންދީޕް ސިންގްގެ ޑައިރެކްޓްކުރާ ވެބް ސީރީސްއެކެވެ.
ސަންދީޕް ސިންގް ބުނެފައިވާ ގޮތުގައި މި ސީރީސްގައި އަންކިތާ ކުޅޭ ކެރެކްޓާ އަކީ ރީތި ކަމާއި އަންހެންވަންތަކަމަށް އިންޑިއާގެ ތާރީޚުގައި ކުލަގަދަކޮށް ނަން ފަވާލެވިފައިވާ ކެރެކްޓާއެކެވެ. ތާރީޚީ ޝާހީ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ވެބް ސީރީސްގެ ކެރެކްޓާއަށް ބަތަލާއަކު ހޯދަމުން ދިޔައިރު އެންމެ ފުރަތަމަ ވެސް ސިކުނޑިއަށް އައި ނަމަކީ އަންކިތާ ކަމަށާއި ޝާހީ ރާނީއެއްގެ ކިބައިގައި ހުންނަންވާ ސިފަތައް އަންކިތާގެ ކިބައިގައި ހުރެފައި ބަތަލާއަކީ ވަރަށް މޮޅު ކްލެސިކް ނެށުންތެރިއަކަށް ވުމުން އަންކިތާ ނޫން އެހެން ބަތަލާއެއް އެ ރޯލަށް ފިޓު ނުވާނެކަމަށް ސަންދީޕް ވަނީ ނިންމާފައެވެ.
އަންކިތާގެ ރޯލެއް އެންމެ ފަހުން ބެލުންތެރިންނަށް ފެނުނު ފިލްމު "ސްވަންތަރިއާ ވީރު ސަވަރްކަރް" ގައި ބަތަލާ ކުޅުނު ރޯލަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. "އަމަރުޕާލީ"ގެ ނަމުގައި އުފައްދާ ވެބް ސީރީސްއިން ބަތަލާއަށް ފުރުސަތު ލިބުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެކްޓަރު ރަންދީޕް ހޫޑާއާ އެކު ބަތަލާ ފެނުނު ފިލްމު "ސްވަންތަރިއާ ވީރު ސަވަރްކަރް" ކަމަށް ވަނީ ބުނެފައެވެ. އެ ފިލްމަށް ފަހު އަންކިތާއަށް ވަރަށް ރަގަޅު ފިލްމީ ޕްރޮޖެކްޓުތަކުން ފުރުސަތު ލިބެމުން އަންނަކަމަށާއި ކުރިމަގުގައި އެކަން އިއުލާނުކުރާނެކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އަންކިތާ ސޮއކޮށްފައިވާ ވެބް ސީރީސް "އަމަރުޕާލީ"ގެ ޕޯސްޓަރެއް--ފޮޓޯ.ބޮލީވުވޑްހަންގާމާ
އަންކިތާ ބޮލީވުޑަށް ތަޢާރަފްވެފައި ވަނީ 2018ވަނަ އަހަރު ރިލީޒްވި ފިލްމު "މަނީކަރުނިކާ:ދަ ކުއީން އޮފް ޖާންސީ"އިންނެވެ. މަޝްހޫރު ޓީވީ ސިލްސިލާ "ޕަވިތުރަ ރިޝްތާ"އިން އާއްމުންގެ މަގުބޫލުކަން ހޯދި ބަތަލާއާ އެކު އެ ފިލްމުގެ ލީޑް ރޯލްއިން ފެނިފައި ވަނީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކަންގަނާ ރަނާވަތުއެވެ.