ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ހުއްޓުވުމަށް އަންގާރަ ދުވަހުގެ ރޭ އެސްއޯ ފުލުހުން ފޮނުވި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅު ގަބޫލުނުކުރެއްވޭ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި އޮތް އެ ސިޓީގެ މެދު ދާއިރާގެ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޞާލިޙް ވިދާޅުވީ ފުލުހުން ފޮނުވައި ރައީސް މުއިއްޒު ޑިމޮކްރަސީއަށް ހުރަސް އަޅުއްވާފައިވާ ކަމަށާއި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޕީއެންއެފް އުފައްދަން ޣިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޖަލްސާއަށް ހުރަސްއެޅުމަށް އެސްއޯ ފުލުހުން ފޮނުވި މައްސަލައިގައި ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނަށް އެ ޚަބަރު ލިބިވަޑައިގަތީ ނޫހުން ކަމަށާއި، އެއީ އެ މަނިކުފާނު ޓޮލަރޭޓް ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ކަމުގައި އިހުމާލުވެފައިވޭތޯ ބަލައި، އެ ފަރާތްތަކާ މެދު ވަގުތުން ފިޔަވަޅު އެޅުމަށް އެންގުމުގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ފޮނުވަން ޖެހޭ ހާލަތްތަކުގައި އެކަމަށް ޕޮލިސް ކޮމިޝަނަރުގެ ސީދާ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ގަވައިދަށް ބަދަލެއް ގެންނަން ރައީސް ވަނީ އަންގަވާފައެވެ.

މި މައްސަލައާ ގުޅިގެން ޞާލިޙް ވިދާޅުވީ އޯޑަރަކަށް ނޫން ގޮތަކަށް ސިފައިންނާއި ފުލުހުން އަމަލެއް ނުކުރާނެ ކަމަށެވެ.

"ފުލުހުންގެ އެއްވެސް އިސް ބޭފުޅަކަށް އެނގިވަޑައެއް ނުގަންނަވާ، މިނިސްޓަރަކަށް އެނގިވަޑައެއް ނުގަންނަވާ، ރައީސަކަށް އެނގިވަޑައިނުގަންނަވާ ކަމަށް އެ ވިދާޅުވަނީ އެ ކަން ހިނގި ވާހަކަ. އެކަމު އަޅުގަނޑަކީ ވެސް ރާއްޖޭގެ ވެރިކަން ފަސް އަހަރު ކޮށްފައިހުރި މީހަކަށްވާތީ، އަޅުގަނޑަށް ހަމަ ޔަގީން ފުލުހުންނެއް ވެސް، ސިފައިންނެއް ވެސް އޯޑަރަކަށް ނޫން ގޮތަކަށް އެ މީހުންނެއް އަމަލެއް ނުކުރާނެ،" ޞާލިޙް ވިދާޅުވިއެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި، ވަކިން ޚާއްޞަކޮށް އެމްޑީޕީން މިދިޔަ ވިއްސަކަށް އަހަރު ބުރަ މަސައްކަތުގެ އިތުރުން، އެތައް ބަޔަކު އެތައް ގުރުބާނީއެއްވީކަން ޞާލިޙް ފާހަގަ ކުރެއްވިއެވެ. ޕީއެންއެފް ޖަލްސާ ހުއްޓުވުމަށް ފުލުހުން ގޮސް، ހިނގި ހަމަނުޖެހުމަށް އިޝާރާތް ކުރައްވައި ޞާލިޙް ވިދާޅުވީ އަންގާރަ ދުވަހުގެރޭ މާލެއިން ފެނުނީ 2024ވަނަ އަހަރު ފެނިގެންވާނެ މަންޒަރެއް ނޫން ކަމަށެވެ.

މި މައްސަލައިގައި މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީން ނެރުނު ބަޔާނެއްގައި ބުނީ ޕީއެންއެފް ޖަލްސާ އުފެއްދުމުގެ ޖަލްސާއަށް ކުރިޔަށް ގެންދިޔަނުދީ ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތުގެ އޮޕަރޭޝަނަލް ރިވިއު ރައީސްގެ އަރިހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން ވަގުތުން ފިޔަވަޅުތަކެއް އެޅުމަށް ހޯމް މިނިސްޓަރު މެދުވެރިކޮށް ޕޮލިސް ކޮމިޝަނަރަށް ރައީސް އަންގަވާފައިވާ ކަމަށެވެ.