07 Jun 2012, 12:12
ގުރޫޕަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ ކުރީގެ ނޫސްވެރިޔާ އަދި ބްލޮގާ ހިއްލަތު ރަޝީދުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ އިން ބުނެފި އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު މިއަދު ވިދާޅުވީ ހިއްލަތުގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް އޭނާ އަށް ފަރުވާދޭ ޑޮކްޓަރުން ބުނި ކަމަށާއި އިތުރުކަމެއް ދިމާ ނުވެއްޖެ ނަމަ ރަނގަޅުވަމުން އަންނާނެ ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ.
"ހިއްލަތުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ އަށް ފަރުވާދޭ ޑޮކްޓަރު ވިދާޅުވަނީ. ނަމަވެސް އޭނާ އަދިވެސް އޮތީ އައިސީޔޫގައި. އިތުރު ކަމެއް ދިމާ ނުވެއްޖެ ނަމަ އަންނާނީ ރަނގަޅުވަމުން ކަަމަށް ބެލެވެނީ،" އަފްއާލު ވިދާޅުވި އެވެ.
ހިއްލަތު ރަޝީދުގެ ކަރަށް ބަޔަކު ވަޅިން ހަމަލާދީ ޒަހަމްކޮށްލީ މިދިޔަ ހޯމަ ދުވަހުގެ ރޭ އޭނާގެ ގެ، "ގ. ޕާކަރުގެ" ކައިރިންނެވެ. މަންޒަރު ދުށް ބައެއް މީހުން އެރޭ ބުނީ ހިއްލަތު ހޮސްޕިޓަލަށް ގެންދިޔައީ އެވަގުތު މަގުމަތިން ދިޔަ މީހެއްގެ ސައިކަލުގައި ކަމަށެވެ.
ހިއްލަތަށް ހަމަލާދިން ހިސާބުން މަގުމަތީގައި އެވަގުތު ވަރަށް ގިނަ ލޭ ހުއްޓައި ސަންގެ ރިޕޯޓަރުންނަށް ފެނުނެވެ.
ހިއްލަތު ރަޝީދަށް ދިން ހަމަލާ ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ އެތެރޭގެ ބައެއް ޖަމިއްޔާތަކާއި ބައިނަލް އަގުވާމީ ބައެއް ޖަމިއްޔާތަކުން ކުށްވެރިކޮށް ބަޔާން ނެރެފަ އެވެ. އަދި މިއަދުވެސް ދުނިޔޭގެ ބައެއް ނޫސްތަކުގައި އެ ހާދިސާއާ ބެހޭ ހަބަރުތައް ލިޔެފައިވެ އެވެ. އެގޮތުން "މިނިވަން ފިކުރުގެ ބްލޮގާ އަށް ވަޅިން ހަމަލާ ދީފި" އަދި " ވަޅީގެ ހަމަލާއަށް ފަހު ނޫސްވެރިއަކު ނާޒުކު ހާލަތެއްގައި،"ފަދަ ސުރުހީތައް ބައެއް ނޫސްތަކުގައި ލިޔެފައިވެ އެވެ.