07 Jun 2012, 11:53
ޔޫރަޕުގެ ފުޓްބޯޅަ މުބާރާތް މާދަމާ ފަށާއިރު އެހެނިހެން ނުފޫޒުތަކުން ކުޅުންތެރިން އެއްކިބާކޮށް މުބާރާތަށް ކުޅުންތެރިންގެ ސިކުޑި ހުސްކުރުމަށް ތަފާތު އެކިފިޔަވަޅުތައްވަނީ އަޅަން ފަށާފަ އެވެ. މިގޮތުން އެންމެ ގިނަ ކޯޗުން މަނާކުރާ އެއްކަމަކީ ސޯޝަލް މީޑިޔާ ބޭނުންކުރުމެވެ.
އެންމެ ފަހުގެ ޔޫރޯ އާއި ވޯލްޑް ކަޕް ޗެމްޕިއަން ސްޕޭން ފުރަތަމަ ނިންމީ ކުޅުންތެރިންނަށް ޓުވިޓާ އާއި ފޭސްބުކް މަނާކުރާގޮތަށެވެ. ކޯޗު ވިސެންޓް ޑެލްބޮސްކޭގެ މި ނިންމުމަކީ ކުޅުންތެރިން މީޑިޔާތަކުގެ ޕްރެޝަރުން ސަލާމާތްކކުރުމަށް އެޅި ފިޔަވަޅެކެވެ. އެންމެ ފަހުގެ ޔޫރޯ އާއި ވޯލްޑް ކަޕް ސްޕޭން ހޯދިއިރު ވެސް އެމީހުން ވަނީ މި އުސޫލުތައް ދަމަހައްޓާފަ އެވެ. އެކަމަކު އެންމެ ފަހު ވަގުތު ސޯޝަލް މީޑިޔާ އަށް ހުއްދަދިނުމުނސެސް ފަބްރިގާސް އާއި ވިކްޓަރ ވަލްޑޭޒް ފަދަ ކުޅުންތެރިން ވަނީ އުފާފާޅުކޮށްފަ އެވެ.
ބާސެލޯނާގެ ކީޕަރު ވަލްޑޭޒް ބުނީ އެމީހުންނަށް މިހާރު ޓުވީޓް ކުރުމުގެ އުފާލިބިގަތުމުމުގެ ހުއްދަ ލިބިއްޖެ ކަމަށާއި އެންމެވެސް މިކަމާ ހިތްހަމަޖެހިފައި ތިބި ކަމާށެވެ. ސްޕޭނުން ނިންމުން ބަދަލުކުރި އެންމެ މުހިންމު ސަބަބަކީ އިނގިރޭސި މީޑިޔާ އިން ކުޅުންތެރިންގެ ކިބައިން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނިގުޅައިގަންނަނީ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކެވެ.
އެކަމަކު ޑެންމާކް ޓީމުން ވެސް ވަނީ ޓުވިޓާ އާއި ފޭސްބުކް މަނާކޮށްފަ އެވެ. ޑެންމާކަކީ އަބަދުވެސް ވަރަށް ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ބައެއް ކަމުން އެމީހުން ބޭނުންވަނީ ކުޅުންތެރިންގެ ހުރިހާ ވިސްނުމެއް މުބާރާތަށް ހާއްސަކުރުމަށެވެ. ސަބަބަކީ ޖާމަނީ އާއި ޕޯޗުގަލް އަދި ހޮލެންޑާއެކު ގްރޫޕް އޮފް ޑެތްގައި ޑެކްމާކް އޮތުމެވެ.
ރިޝްވަތާއި ފަސާދައިގެ މައްސަލަތަކުގެ ތެރޭގައި އޮތް ނަމަވެސް އިޓަލީން ވެސް ކުޅުންތެރިންނަށް ސޯޝަލް މީޑިޔާ ބޭނުންކުރުމަށް ހުއްދައެއް ނުދޭނެ އެވެ. އެގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ އިޓަލީ ޓީމު އޮތީ ދަނޑުބޭރުން ދައްކާ ވާހަކަތަކުގެ އުދާސްތަކާ ކައިރިވެވޭ ވަރަށްވުރެ މާހާލުގައި ކަމަށެވެ.
ނަމަވެސް ޖާމަނީ ޓީމުން ސޯޝަލް މީޑިޔާ ބޭނުންކުރަން ހުއްދަދޭނެ އެވެ. ކޯޗު ޖޯހިމް ލިއޯ ބުނީ އޭނާގެ ކުޅުންތެރިންނަށް ހުއްދަދޭނީ ވަކި މިންގަނޑެއްދަށުން ކަމަށާއި ޗޭންޖިންރޫމުގައި ދައްކާ ވާހަކަތަކާއި ޓީމުގެ ބައްދަލުވުންތަކާއި ފުރަތަމަ 11 ނެގުން ފަދަ މުބާރާތާ ގުޅުން ހުރި އެއްވެސް ވާހަކައެއް ފޭސްބުކް އަދި ޓުވިޓާގައި ދެއްކުމަކީ މަނާކަމެއް ކަމަށެވެ. އަދި އެއްވެސް މީހެއްގެ ޒާތީ ކަންކަމާ ވެސް ބެހި ހަދައިގެން ނުވާނެ ކަމަށާއި އެފަދަ ކަމެއް ކޮށްފި ކުޅުންތެރިއަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ޖާމަނީގެ ކުޅުންތެރިންނަށް ވަނީ ދީފަ އެވެ.
އިނގިރޭސި ޓީމަކީ ސޯޝަލް މީޑިޔާ ބޭނުން ކުރުމުގައި އެންމެ އަރާތިބި ކުޅުންތެރިން ހިމެނޭ ޓީމެވެ. އެންމެ ފަހުން ބެލްޖިއަމާ ދެކޮޅަށް އިނގިރޭސިން ކުޅުނު މެޗުގެ ފުރަތަމަ 11 ވޯކްއަޕް ކުރަން ތައްޔާރުވި އިރު ވެސް ގްލެން ޖޯންސަންފަދަ ކުޅުންތެރިންގެ ޓޫވީޓްތަކަށް ހުއްޓުމެއް އައިސްފައިނުވާ ކަމީ ހަގީގަތެކެވެ. ރަނގަޅު ގޮތުގަ އާއި ނަހަމަ ގޮތުގައި ފޭސްބުކާ ޓުވިޓާ ބޭނުންކުރާ މައްސަލާގައި އިނގިރޭސި އެފްއޭ އާއި އިނގިރޭސި މީޑިޔާއިން ދައްކަނީ ދެ ވާހަކަ އެކެވެ. ކޯޗިން ޓީމާއި އެފްއޭ ބޭނުންވަނީ ކުޅުންތެރިން ފޭސްބުކާއި ޓުވިޓާއާ އެކަހެރިކޮށްފައި ބޭތިއްބުމަށް ނަމަވެސް މިކަމަށް ހުރަސް އެޅުނީ ކުޅުންތެރިންގެ ކިބައިން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އަތުލައިގަންނަ ކަމަށް ބުނެ މީޑިޔާއިން އަޑު އުފުލަން ފެށުމުން. މިހެންވެ އިނގިރޭސި ކުޅުންތެރިންނަށް ވަކި ހުދޫދެއްގެ ތެރޭގައި ޓުވިޓާ އާއި ފޭސްބުކް ބޭނުން ކުރެވޭނެ އެވެ. އަދި މުބާރާތުގެ ތެރޭގައި އާއިލާއެކު ވަގުތު ވެސް ހޭދަކުރަން ފުރުސަތު ލިބިގެންދާނއ އެވެ. މިގޮތަށް މިކަން ނިންމީ ކޯޗިން ޓީމުގައި ހިމެނޭ ކުރީގެ ކެޕްޓަން ގެރީނެވިލް ފަދަ މީހުންގެ މަޝްވަރާގެ މަތީންނެވެ.
މުބާރާތުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު މޮބައިލް ފޯނުންނާއި އެނޫން ވެސް ވަސީލަތަކުން މެޗެއް ވީޑިއޯކޮށް އަދި ފޮޓޯ ނަގައި ހެދުމަކީ މަނާކަމެކެވެ. ހުދު އެ ކުޅުންތެރިއެއްގެ އަމިއްލަ ފޮޓޯ އެއްވެސް ނަގައި އެއްވެސް ނެޓްވޯކެއްގައި އާއްމުކޮށްފި މުބާރާތުގެ ބްރޯސްކާސްޓިން ގަވާއިދު މުގުރާލި ކަމަށް ބަލައި ޔޫއޭފާއިން ހަރުކަށި ފިޔަވަޅު އަޅާނެ އެވެ.
ބޮޑެތި މުބާރާތްތަކުގައި އެކި ގައުމުތަކުން ކުޅުންތެރިންގެ އަހުލާގީ ހަމަ ހިފެހެއްޓުމަށް އަޅާ މިފަދަ ހަރުދަނާ ފިޔަވަޅުތަކާއި މުބާރާތް އިންތިޒާމްކުރާ ފަރާތްތަކުން އަމަލު ކުރަމުންދާ ހަރަުދަނާ ގޮތްތަކަކީ ޔޫރޯފަދަ ބޮޑު މުބާރާތަކަށް ދިވެހިން ހާއްސަވާން ތައްޔާރުވާއިރު ވިސްނާލުން މުހިންމު ކަންތައްތަކެވެ. ކޮޕީ ކުރަންވީ ބޮލުގެ އިސްތަށިގަނޑަށް ކުޅުންތެރިން ގެންނަ ބަދަލުތަކާއި މީހާ ލައިގެން ހުންނަ ބޫޓާއި އިސްޓާކީނު އަދި އަންނައުނަށް އައިސްފައިވާ ބަދަލުތައް އެކަންޏެއްނޫނެވެ.