ޔުއޭފާ ޗެމްޕިއަންސް ލީގު ކްއާޓާ ފައިނަލްގައި އާސެނަލް އާއި ބަޔާން މިޔުނިކް ބައްދަލުކުރި ފުރަތަމަ ލެގު އެއްވަރު ވެއްޖެއެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. މި މެޗު އާސެނަލްއިން ފެށީ ވަރަށް ފޯރިއާއެކުއެވެ. މި ގޮތުން މެޗުގެ 12 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި އާސެނަލްއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ބުކާޔޯ ސާކާއެވެ.

ނަމަވެސް އާސެނަލްއަށް މި ލީޑު ދެމެހެއްޓޭ ގޮތްވީ ހަ މިނެޓަށެވެ. ބަޔާންއިން ވަނީ މެޗުގެ 18 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކުރިން އާސެނަލްއަށް ކުޅެފައިވާ ސާޖީ ގިނެބްރީއެވެ.

މި މެޗުގައި ދެން ފެނިގެންދިޔައީ ބަޔާންއިން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގި ތަނެވެ. މެޗުގެ 32 ވަނަ މިނެޓުގައި ބަޔާންއަށް މި ޕެނަލްޓީ ލިބިގެންދިޔައީ އެ ޓީމުގެ ލިރޯއި ސާނޭ އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅައާއެކު ވަދެގެންދަނިކޮށް އާސެނަލްގެ ވިލިއަމް ސަލީބާ ކުރި ފައުލަކާއި ގުޅިގެންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީ ބަޔާންއަށް ލީޑު ނަގައިިދިނީ ހޭރީ ކޭންއެވެ.

މިއީ އޭނާ އާސެނަލް އާއި ދެކޮޅަށް މިހާތަނަށް ކުޅުނު 20 މެޗުގައި ކާމިޔާބު ކުރި 15 ވަނަ ލަނޑެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާގައި އޮވެގެންނެވެ. މި މެޗުގައި އާސެނަލްއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޖަހައިދިނީ ލިއާންޑްރޯ ޓްރޮސާޑްއެވެ.

މި މެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށްވެސް ލިބިގެންދިޔައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އާސެނަލްއަށް ޕެނަލްޓީއެއް ލިބެންޖެހޭކަމަށް އެ ޓީމަށް ހީވި ނަމަވެސް ރެފްރީ އެކަމަށް މާބޮޑު ސަމާލު ކަމެއް ދީފައެއް ނުވެއެވެ.

މި މެޗު އެއްވަރު ވެފައިވާއިރު މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ބަޔާންގެ ދަނޑުގައެވެ.