ޕާޓީ އުފެއްދުމުގެ ޖަލްސާ އެތައް ސަބަބަކާހެދި ދިގުލައިގެން ދިއުމަށްފަހު، ރާޅުގަނޑު ސަރަހައްދުގައި އެންމެ ފަހުން ލޯގޯއާއި ނަން ފާސްކޮށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ނިމުމާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެ ސަރަހައްދަށް ވަޑައިގެންފިއެވެ.

އެ މަނިކުފާނުވަނީ އެ ސަރަހައްދަށް ވަޑައިގެން، ޕީއެންއެފްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ސަލާން ކުރައްވައިފައެވެ. އަދި އެ ތަނުގައި ހުންނަވައި އިސް ބޭފުޅުންނާއެކު މަޝްވަރާ ކުރައްވައިފައެވެ.

ކުރިން އެ ޕާޓީން ބުނި ގޮތުގައި، ޔާމީން ޕާޓީ އުފެއްދެވުމުގެ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ނަމަވެސް ކަރެކްޝަންގެ ހުއްދަ ނުދޭކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ޖަލްސާ ރާޅުގަނޑަށް ބަދަލުކުރުމާއެކު ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވެސް ވަނީ ޖަލްސާއާ ގުޅިވަޑައިގެންފައެވެ.

މިރޭ ޖަލްސާ ބޭއްވީ 420 މެމްބަރުންނާއެކު 329 މެމްބަރުންގެ ކޯރަމް ހަމަކޮށްގެންނެވެ.

މި ޕާޓީގެ މުއައްސިސަކީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޔާމީނެވެ. އެއާއެކު ޕާޓީގެ ވަގުތީ ރައީސް ކަމަށް ވެސް ޒޭން ވަނީ މިރޭ ހޮވައިފައެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައި ޕާޓީގެ ވަގުތީ ސެނެޓެއް ވަނީ އުފައްދައިފައެވެ. އަދި ޕާޓީގެ ދާއިމީ މަގާމުތަކުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އެކި ބޭފުޅުންނާ ހަވާލު ވެސް ކޮށްފައިވެއެވެ.