10 Apr 2024, 00:42
ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ އެއްވެސް ޙަރަކާތަކަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި ސިޔާސީ ޙަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ހުރިހާ ފުރުޞަތެއް މި ސަރުކާރުން ފަހިކޮށްދޭނެކަމަށް ރައީސް އޮފީހުން މިރޭ ބުނެފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފުން މިރޭ ބާއްވަން ރާވާފައިވާ ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން ޢުޒުރުވެރިވެފައި ވާތީ، އެ ސްކޫލުގެ ސަލާމަތާ ރައްކައުތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން މިރޭ އެހީތެރިކަން ދިން ކަމަށެވެ.
އެއީ ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާ، އަދި އަހަރު ފަހު އިމްތިޙާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ޙަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމަކަށް ވުމުން ކަމަށް އެ އޮފީހުން ބުންޏެވެ.
އެހެންކަމުން، މާލެ ސިޓީގެ އެއްވެސް ސްކޫލް ހޯލެއް ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ހޯދައިދީ، ޕީއެންއެފަށް މިރެއިން މިރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ހަމަޖައްސައިދީފައިވާ ކަމަށް ވެސް ބުންޏެވެ.
އެއާއެކު ސަރުކާރުން ބުނީ ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ ކޮންމެ ޙަރަކާތަކަށް ވެސް ފަހިކޮށްދެވެން އޮތް ކޮންމެ ކަމެއް ކުރިމަގުގައި ވެސް ހެޔޮ ނިޔަތާއެކު މި ސަރުކާރުން ދާނީ ފަހިކޮށްދެމުން ކަމަށެވެ.