ކުރިޔަށް އޮތް މެއި މަހުގެ އެއް ވަނަ ދުވަހު ނެޓްފްލިކްސްއިން ޕްރިމިއާކުރާ ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީސް "ހީރާމަންޑީ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ގިނަ އަންހެން ބަތަލާއިން ލީޑް ރޯލްއިން ފެންނާނެ މި ވެބް ސީރީސް އަކީ މީގެ ތިން އަހަރު ކުރިން އުފައްދާނެކަން އިއުލާނުކުރި ވެބް ސީރީސްއެކެވެ.

ސަންޖޭ ލީލާ ބަންސާލީގެ އުފެއްދުން ތަކަކީ ބެލުންތެރިން މާޔޫސް ނުކުރުވާނެ އުފެއްދުންތަކަކަށް ވާނެކަމުގެ ޔަގީންކަން އަބަދުވެސް ބެލުންތެރިންނަށް އޮވެއެވެ. އެހެންވެ "ހީރާމަންޑީ" އިއުލާނުކުރީއްސުރެ މި ވެބް ސީރީސް ޕްރިމިއަ ކުރާނެ ދުވަހެއްގެ އިންތިޒާރުގައި ބެލުންތެރިން ތިބީ ކެތްމަދުވެފައެވެ.

މިއީ އިންޑިއާއަށް މިނިވަންކަން ލިބުމުގެ ކުރިން އެ ޤައުމުގެ ލާހޯރުގެ ރެޑް ލައިޓް ސަރަހައްދުގައި އުޅުނު ޝާހީ ޖާރިއާއިންތަކެއްގެ ވާހަކަ ކިޔައިދޭ ތާރީޚީ ވެބް ސީރީސްއެކެވެ.

މުޅި އެކު އަށް އެޕިސޯޑު ހިމެނޭ މި ވެބް ސީރީސްގެ މުހިއްމު ތަރިންގެތެރޭ މަނީޝާ ކޮއިރަލާ، ސޮނާކްޝީ ސިންހާ، އަދިތީ ރާއޯ ހައިދަރީ، ރިޗާ ޗައްދާ، ފަރީދާ ޖަލާލު، ސަންޖީދާ ޝޭޚް އަދި ޝަރުމިން ސޭގަލް ހިމެނެއެވެ. "ހީރާމަންޑީ"އިން ފެންނާ ފިރިހެން ތަރިންގެތެރޭ ކުރީގެ ފިލްމީ ތަރި ފަރުދީން ޚާން، އަދުޔަޔަން ސުމަން، އަދި އެކްޓަރުގެ ބައްޕަ ޝޭކަރު ސުމަން ހިމެނެއެވެ.

"ހީރާމަންޑީ" ވެބް ސީރީސްގެ ފިރިހެން ކާސްޓުން--ފޮޓޯ/އެންޑީޓީވީ

މި ވެބް ސީރީސްގެ ޓްރެއިލާއަށް ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނައިރު ސަންޖޭ ބުނެފައި ވަނީ އޭނާ އަކީ މީޑިއާތަކުން ސިފަކުރާހާ ވަރުގަދަ ޓާސްކް މާސްޓަރެއް ނޫން ކަމަށެވެ. ސަންޖޭ ސިނަމާއަށް ގެންނަ އުފެއްދުން ތަކަކީ ވަރަށް ގިނަ ބައެއްގެ ޚިޔާލާ މަޝްވަރާއާ އެކު ފުރޭނިގެން އަންނަ އުފެއްދުންތައް ކަމަށާއި ސްކްރީނުން ސަންޖޭ ދައްކުވައިދޭ ޖާދޫގެ ހަގީގީ ކްރެޑިޓް އޭނާ ހޯދަނީ މާފަހުން ކަމަށް ކާމިޔާބު ޑައިރެކްޓަރު ވަނީ ބުނެފައެވެ.

މި ވެބް ސީރީސްގެ މަސައްކަތަށް ފަހު ސަންޖޭ އެންމެ އަވަހަށް ފަށަން ނިންމާފައި ވަނީ ބަތަލާ އާލިއާ ބަޓްގެ ދެމަފިރިން އަދި ވިކީ ކޯޝަލްއާ އެކު އުފައްދާ ފިލްމު "ލަވް އެންޑް ވޯ"ގެ މަސައްކަތެވެ.