09 Apr 2024, 23:39
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސްވެ އުފައްދަވަން މަސައްކަތްކުރާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދަން ބާއްވާ ޖަލްސާ ސޯޝަލް ސެންޓަރުގައި ބޭއްވޭނެ އިންތިޒާމު މިހާރު ހަމަޖައްސައިދީފައިވާކަމަށް ސަރުކާރުން މިރޭ ބުނެފިއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅިވަރާ ބެހޭ ވަޒީރުވަނީ ޕީއެންއެފް ޖަލްސާ ބާއްވަން ސޯޝަލް ސެންޓަރު ހަމަޖައްސައިދެއްވައިފައެވެ.
ސޯޝަލް ސެންޓަރު ހަމަޖެހުނު ކަމުގެ މައުލޫމާތު ލިބުނުއިރު މިހާރު ޖަލްސާ ބާއްވަން ތައްޔާރުވެފައި އޮތީ ރާޅުގަނޑު ސަރަހައްދުގައެވެ.
އެއީ އެ ޖަލްސާ ޣިޔާސުއްދީން ސްކޫލުގައި ބާއްވަނީ އެ ޖަލްސާ ބޭއްވުމުގެ ހުއްދަ ބާތިލުކޮށް، އެކަން އަންގާފައި ވަނިކޮށް ކަމަށް ފުލުހުން މިރޭ ބުނުމުންނެވެ.
ޣިޔާސުއްދީން ސްކޫލަށް އެއްވެސް މީހަކަށް ނުވަދެވޭހެން ބަންދުކުރުމާ ގުޅިގެން އެ ޖަލްސާއަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ވެސް ވަދެވޭ ގޮތެއް ނުވިއެވެ.