07 Jun 2012, 11:00
ސަރުކާރުގެ އޮފީސްތަކުން އުކާލާ ކަރުދާސްތައް ރީސައިކަލް ކުރުމަށް ނިންމާފައިވާ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީ އިން ބުނެފި އެވެ.
ތިމާވެށީގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ވިލިމާލޭގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރުމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުން އުކާލާ ކަރުދާސްތައް ރީސައިކަލް ކުރުމަށް ނިންމާފައި ވަނީ މި އަހަރު އަލަށް ފެށުމަށް ނިންމާފައިވާ "ގްރީން ގަވަރުމަންޓް" ޕޮރްގުރާމްގެ ދަށުންކަމަށެވެ.
"ސަރުކާރު ހިންގުމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކުން ފެހި އާދަކާދަތަކެއް ގެންގުޅުމަށް ގްރީން ގަވަމަންޓްސް މަޝްރޫއު މި އަހަރު ފެށުމަށް ވަނީ ހަމަޖެހިފައި. މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އޮފީސްތަކުން އުކާލާ ކަރުދާސް ރީސައިކަލް ކުރުމަށް ވަކި ކުރެވޭނެ ވާހަކަ ވެސް ދަންނަވާލަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝަކީލާ އިތުރަށް ވިދާޅުވީ "ގްރީން ގަވަމަންޓް" ޕްރޮގުރާމް ފެއްޓުމަށް ސަރުކާރުން ނިންމީ ތިމާވެށި ހިމާޔަތްކުރުމުގައި ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނީ ތިމާވެއްޓާ ބެހޭ ރައްޓެހި އުސޫލުތަކާއި އާދަކާދަތައް ސަރުކާރު ހިންގުމުގައި ތިބި ފަރާތްތަކުން ވެސް ގެންގުޅިގެން ކަމަށް ވާތީ ކަމަށެވެ.
އެހެން ނަމަވެސް "ގްރީން ގަވަމަންޓް" ޕްރޮގުރާމްގެ ދަށުން އިތުރަށް ހިންގުމަށް ހަމަޖެހިފައި ވަނީ ކޮން ޕްރޮގުރާމްތަކެއް ކަމެއް އެންވަޔަރުމަންޓް މިނިސްޓްރީ އިން ބުނެފައެއްނުވެ އެވެ.
ތިމާވެއްޓާ ރައްޓެހި އުސޫލުތައް ގެންގުޅޭ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ރާއްޖޭގެ އެންމެ ރީތި ރަށާއި އެންމެ ރީތި ގޯތި ހޮވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ދުނިޔޭގެ ތިމާވެށީގެ ދުވަހު އެންވަޔަރުމަންޓް މިނިސްޓަރު ވަނީ އިއުލާންކޮށްފަ އެވެ. އަދި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ އަދަދު މަދުކުރުމަށް ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ޕްލާސްޓިކް ކޮތަޅު އެންމެ މަދުން ބޭނުންކުރާ ވިޔަފާރިވެރިން ހޮވުމަށް ވެސް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ އިއުލާން ކުރައްވާފަ އެވެ.