ސަރުކާރުގެ މަޝްރޫއުތަކަށް އިދިކޮޅު ހަދައި، ވަގުތު ބޭކާރު ކުރާނެ މަޖިލީހެއް ނުހޮވައި، ނަތީޖާ ނެރެދޭނެ މަޖިލީހެއް ހޮވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ނާޒިމުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަނީ އަބަދު ވެސް ސަރުކާރުގެ ފިކުރާ ދެކޮޅަށް ކަމަށެވެ. އެގޮތުން ވަޒީރުންނަށް ރުހުން ނުދިނުމާއި, ބަޖެޓުން އެ މަނިކުފާނު ބޭނުންފުޅުވި އެތައް ކަމެއް އުނިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަންކުރާ ގޮތް ނޫންކަން ފާހަގަކުރައްވާ ރައީސް އެދިވަޑައިގަތީ ވަގުތު ބޭކާރު ކުރާ މަޖިލީހެއް ނުހޮވައި، ނަތީޖާ ނެރެދޭނެ މަޖިލީހެއް ހޮވުމަށެވެ.

"އަޅުގަނޑުމެން މިތިބީ ނަތީޖާ ނެރެދޭން. އަޅުގަނޑުމެންނަށް ހުރިހާ ވެސް އެއްޗަކީ ނަތީޖާ،" ރައީސް ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ، ސަރުކާރާ ފިކުރު ދިމާނުވާ ބަޔަކު ހޮވައިފި ނަމަ ތަރައްގީއަށް އެއްވެސް ގެރެންޓީއެއް ނެތް ކަމަށެވެ.

އަދި މި ސަރުކާރަށް ތާއީދު ކުރާ މަޖިލީހެއް ހޮވައިފި ނަމަ، ރާއްޖޭގައި އަމާންކަމާއި، ހަލުވި ތަރައްގީ އަދި މިނިވަންކަން ޔާގީންވެ ގާއިމް ވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް މުހިންމީ ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު މި ތިން ކަންތައް ފުރިހަމަ ވާން. އެ މީހަކީ އެންމެ ކުޑަ ރަށުގައި ހުރި މީހަކަށް ވިއަސް މާލޭ ސިޓީގައި ހުރި މީހަކަށް ވިއަސް އަޅުގަނަޑަށް ވަރިހަމަ،" ރައީސް ވިދާޅުވިއެވެ.