ޖަރުމަނުވިލާތުގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔުއޭފާ ޔޫރޯ 2024ގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންގެ އަދަދު އިތުރު ކުރުމާ މެދު ޔުއޭފާއިން ވިސްނާކަމުގައި އެޖަމްއިއްޔާއިން ހާމަކޮށްފިއެވެ.

ޔުއޭފާއިން މިގޮތަށް ވިސްނާކަން ހާމަކޮށްފައިވަނީ މިފަހަރުގެ މުބާރާތަށް ކޮލިފައިވި ޓީމުތަކަށް ބޭއްވި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމުގެ ތެރޭގައި ކުރެވުނު މަޝްވަރާ ތަކަށްފަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހުށަހަޅާފައިވަނީ ކޮލިފައިވި ޓީމުތަކުގެ ކޯޗުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

ޖަރުމަނުވިލާތުގެ ޑުސެލްޑޯފްގައި ބޭއްވި މިމަޝްވަރާތަކަށްފަހު ޔުއޭފާއިންވަނީ ކުޅުންތެރިންގެ އަދަދު 26 އަށް އިތުރު ކުރުމާ މެދު ވިސްނަމުންދާކަމުގައި ހާމަކޮށްފައެވެ. ޔުއޭފާއިން ހާމަކުރިގޮތުގައި އެފަރާތުންވަނީ މަޝްވަރާ ބައްދަލުވުމުގައި އެކި ޓީމުތަކުގެ ފަރާތުން ހުށަހެޅި ތަފާތު ހިޔާލުތަކާއި ހުށަހެޅުންތައް ނޯޓު ކޮށްފައެވެ. އަދި މިކަންތަކާމެދު ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ގޮތެއް ނިމޭނެ ކަމަށް ވެސް ޔުއޭފާއިން ހާމަކުރެއެވެ.

މިހާރު އުސޫލު އޮންނަ ގޮތުން ޓީމުތަކުގައި ހިމެނޭނީ 23 ކުޅުންތެރިންނެވެ. ދެހާސް ވިހި ވަނަ އަހަރުގެ މުބާރާތުގައި ކޯވިޑްގެ ކަންތަކާ ގުޅިގެން އިތުރު ތިން ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ހުއްދަ ދެވުނެވެ. ނަމަވެސް އެފަހަރުގެ މުބާރާތަށްފަހު އެކަން އަނެއްކާވެސް ވަނީ ކުރިން އޮތް ގޮތަށް ބަދަލުކޮށްފައެވެ. ޔުއޭފާއިން ހާމަކުރިގޮތުގައި ޓީމުތަކުގެ ކޯޗުންނާ ކުރި މަޝްވަރާތަކުގައި ގިނަ ކޯޗުންގެ ފަރާތުންވަނީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންގެ އަދަދު އިތުރު ކުރުމަށް ފެންނަކަމުގައި ހާމަކޮށްފައެވެ. ނަމަވެސް ކުޅުންތެރިންގެ އަދަދު 23ގައި ބެހެއްޓުމަށްވެސް ބައެއް ފަރާތްތަކުން ވާހަކަ ދައްކާފައިވާ ކަމުގައިވެސް ޔުއޭފާއިން ހާމަކުރިއެވެ.

ތޭވީހުން 26އަށް ކުޅުންތެރިންގެ އަދަދު އިތުރު ކުރުމަށް ގިނަ ކޯޗުން ހިޔާލު ހުށަހަޅާފައިވަނީ މިހާރު ކުޅެމުންދާ ލީގުތަކުގައި ގިނަ ކުޅުންތެރިން ކުޅެން ޖެހޭ މެޗުތައް އިތުރުވެ ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު އިތުރު ވެފައިވުމުންނެވެ. މިގޮތުން ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ ފާހަގަ ކޮށްލެވޭ ކްލަބްތަކަށް ކުޅެމުންދާ ގިނަ ކުޅުންތެރިން މިހާރު ކުޅެން ޖެހޭ މެޗުތައް އިތުރު ވެފައިވުމާއި ބައެއް ލީގުތަކުގައި ސީޒަން ނިމުމަކަށް އައިސްފައިވާއިރު ލީގުގެ ފޯރި އިތުރަށް ގަދަވެފައިވުމުން ކުޅުންތެރިންނަށް އޮންނަ ޕްރެޝާ ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

މިއާއެކު ޑޮމެސްޓިކް ލީގުތައް ނިމޭއިރު މީގެ ތެރެއިން ބައެއް ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު އިތުރުވެފައިވުމަކީ މިކަމަށް ހުށަހެޅުނު މައިގަނޑު އެއް ސަބަބު ކަމުގައިވެއެވެ.

ކުޅުންތެރިން އިތުރު ކުރުމުގެ ހިޔާލާ ދެކޮޅު ޓީމުތަކުން ބުނަނީ، ކުޅުންތެރިން އިތުރުވުމުން ފަރިތަކުރުންތަކުގައި ދަތިތަކާ ކުރިމަތިވުމުގެ އިތުރުން ޓީމު މެނޭޖު ކުރުމުގައިވެސް މައްސަލަ ދިމާވާނެ ކަމަށެވެ. ހަމައެއާއެކު އިތުރު ވާ ކުޅުންތެރިންގެ ކަންތައްތައް ހަމަޖެއްސުމަށް އެޤައުމުތަކުގެ އެސޯސިއޭޝަންތަކަށް މާލީގޮތުންވެސް އިތުރު މައްސަލަތަކާ ކުރިމަތިވާނެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިމަޝްވަރާތަކުގައި ފާހަގަ ކުރެވުނު ކަންތައްތައް ދެން ހުށަހަޅާނީ ޔުއޭފާގެ ނޭޝަނަލް ޓީމުތަކާއި ބެހޭ ކޮމިޓީއަށެވެ. އެކޮމެޓީގެ މަޝްވަރާތަކަށްފަހު ދެން ގޮތް ނިންމުމަށް ހުށަހަޅާނީ އެގްޒެކެޓިވް ކޮމެޓީއަށެވެ.