ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓްތަައް އާއްމުކުރަނީ މަދުންނެވެ. ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން ވަނީ އެޕާޓީގެ މިދިއަ އަހަރުގެ އޮޑިޓް ރިޕޯޓް ޕާޓީގެ ވެބްސައިޓްގައި އާއްމުކޮށްފަ އެވެ.

މަޝްހޫރު އޮޑިޓްފާމް، އާނެސްޓް އެންޑް ޔަންގުން އެކުލަވާލި، އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެ ޕާޓީން މިދިޔަ އަހަރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ކެމްޕޭނަށެވެ. އެގޮތުން އެކިއެކި ކެމްޕޭންތަކަށް އެޕާޓީން ވަނީ 8،194،139،ރ (އަށް މިލިޔަން އެއް ލައްކަ ނުވަދިހަ ހަތަރުހާސް އެއް ސަތޭކަ ތިރީސް ނުވަރުފިޔާ) ހަރަދުކޮށްފަ އެވެ. އެއީ މިދިޔަ އަހަރު އެޕާޓީން ކޮށްފައިވާ އެންމެ ބޮޑު ހޭދައެވެ.

ކެމްޕޭނަށް ކުރި ހަރަދަށްފަހު ދެން އެންމެ ބޮޑު ހަރަދެއް އެމްޑީޕީން ކޮށްފައި ވަނީ މުވައްޒަފުންގެ މުސާރައަށެވެ. އެއީ 1.6 މިލިޔަން ރުފިޔާ އެވެ. ދެ ވަނައަށް އެންމެ ބޮޑަށް ހަރަދު ކޮށްފައި ވަނީ ކުއްޔަށެވެ. އެއީ އެއް މިލިޔަން ރުފިޔާ އެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބިއިރު އެ ޕާޓީގެ ދާއިރާތަކަށް ހަރަދުކޮށްފައި ވަނީ އެޕާޓީން ކޮށްފައިވާ އެކިއެކި ދަތުރުތަކަށް ކުރި ހޭދައަށް ވުރެ ވެސް ކުޑަ އަދަދެކެވެ. ދަތުރުފަތުރަށް 732565 (ހަތް ލައްކަ ފަސްދޮޅަސް ދެހާސް ފައްސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) ހަރަދު ކޮށްފައިވާއިރު ދާއިރާތަކަށް ހަރަދުކޮށްފައި ވަނީ 93700 ރ. އެވެ.

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އެމްޑީޕީއަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ ބޮޑު ބަޔަކީ ހެޔޮ އެދޭ ފަރާތްތަކުން އެޕާޓީއަށް ހަދިޔާ ކުރި ފައިސާ އެވެ. އެއީ 11،668،272ރ. ( އެގާރަ މިލިޔަން ހަސަތޭކަ ފަސްދޮޅަސް އަށްހާސް ދުއިސައްތަ ހަތްދިހަ ދެ ރުފިޔާ) އެވެ.

އެމްޑީޕީގެ އޮޑިޓް ރިޕޯޓް ޕާޓީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވީ ނަމަވެސް ރާއްޖޭގެ އެހެން ސިޔާސީ ޕާޓީއެއްގެ އޮޑިޓް ރިޕޯޓް ހާމަކޮށްފައެއް ނުވެ އެވެ.