މީރާ އަށް މިދިޔަ މަހު ލިބުނު އާމްދަނީ އޭގެ ކުރީ މަހާ އަޅާބަލާ އިރު 18 ޕަސެންޓް، 90.3 މިލިއަން ރުފިޔާ ދަށަށް ގޮސްފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީރާގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު މީރާ އަށް އާމްދަނީގެ ގޮތުގައި ލިބުނު 389.6 ރުފިޔާ އަކީ އޭގެ ކުރީ މަހު ލިބުނު 479.9 މިލިއަން ރުފިޔާ އަށް ވުރެ 90.3 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ނަމަވެސް އެ އަދަދަކީ މިދިޔަ އަހަރުގެ އެމަހާ އަޅާބަލާ އިރު 9.5 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް އިން މިދިޔަ މަހު ލިބުނު 70.1 މިލިއަން ރުފިޔާ އަކީ އެޕްރީލް މަހު ލިބުނު، 72.6 މިލިއަން ރުފިޔާ އަށް ވުރެ، 2.5 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އަދި ވިތު ހޯލްޑީން ޓެކްސްގެ ގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީއަކީ އަކީ ވެސް އެޕްރީލް މަހު ލިބުނު 29.1 މިލިއަން ރުފިޔާ އަށް ވުރެ، 5.2 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މެއި މަހު ވިތު ހޯލްޑިން ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 23.9 މިލިއަން ރުފިޔާ އެވެ. އަދި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި މިދިޔަ މަހު 6.0 މިލިއަން ރުފިޔާ ލިބިފައިވާ އިރު އޭގެ ކުރީ މަހުގައި 42.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިދިޔަ މަހު މީރާ އަށް ލިބިފައިވާ އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކޮށްފައި ވަނީ ޓީ ޖީއެސްޓީން ނެވެ. އެގޮތުން މިދިޔަ މަހުގެ އާމްދަނީ 35.6 ޕަސެންޓް ހިއްސާކޮށްފައި ވަނީ އެ ޓެކްސްއިންނެވެ.

މީރާއިން ބުނީ މިދިޔަ ފަސް މަސް ދުވަހުގެ ނިޔަލަށް މީރާ އަށް ލިބިފައި ވަނީ 2.9 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހާ އަޅާބަލާއިރު 74.2 ޕަސެންޓް އިތުރު އަދަދެކެވެ.