09 Apr 2024, 00:17
ފިތުރު އީދުގެ މުނާސަބަތުގައި މާލެ ސަރަހައްދާއި އަތޮޅުތަކުގެ ބޮޑެތި ރަށްތައް ބޮކިތަކުން ދިއްލުމާއި ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެންއަރުވާ ވަޑާން ހުޅުވުމަކީ ވެސް ވަރަށް ބޮޑު އީދެއް ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޓީތަކާއި ރަށްތަކުގައި ޢީދު އަލި ދިއްލުމާއި ފެންއަރުވާ ވަޑާން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ބޮކިތައް ދިއްލުން ތައާރަފުވީ މިދިޔަ ބޮޑު އީދުގައި މާލޭގެ މަގުތައް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ދިއްލާލުމާ ހަމައިން ކަމަށެވެ.
އެ ދުވަހުން ފެށިގެން މާލެ ދިއްލުމަކީ ވަރަށް ޚާއްޞަ ކަމަކަށްވެ، ގިނަ ބަޔަކު ބޭނުންވާ ކަމަކަށް އެކަންވި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ ދިވެހި ރައްޔިތުންގެ އުންމީދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަން. ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކާއި އެމަނިކުފާނުގެ ޒައާމަތާ މިއަދު މި ވަނީ ވަރަށް ބޮޑަށް ގުޅިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އީދަށް ޖުމްހޫރީ މައިދާން ޒީނަތްތެރިކޮށްފައި: މިފަހަރު އީދަށް ސިޓީތަކާއި ވެރިކަން ކުރާ ރަށްތައް ވަނީ ދިއްލާލާފައި -- ފޮޓޯ/ ރައީސް އޮފީސް
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އީދަށް ރާއްޖޭގެ ސިޓީތަކާއި ރަށްތައް ދިއްލާލެވުމަކީ ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުރިހަމަކުރައްވާނެކަން ރައްޔިތުންނަށް ސާބިތުވާ ކަމެއް ކަމަށާއި މި ވައުދަކީ އެމަނިކުފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން އެ މިނިސްޓްރީން ކުރަމުން ދިޔަ މަސައްކަތެއް ކަމަށެވެ.
ރާއްޖޭގެ އިޖުތިމާއީ އެއްބައިވައިންތަކަށް ދެމެހެއްޓުމަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ރަމަޟާން މަހާ ގުޅިގެން ރޯދަ ހަދިޔާ ބެއްސެވުމާއި އޭގެ އިތުރުން އީދު އަލި ރައްޔިތުންނާ ހަމައަށް މި ފޯރުކޮށްދެވެނީ ޝައްކެއް ވެސް ނެތް ގޮތުގައި އެކަމުގައި ވަރަށް މުހިންމު ބޭނުންތަކެއް އޮވެގެން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޢީދު ލައިޓުތައް ހަރުކުރުމުގެ މަސައްކަތަށް ތައްޔާރުވާން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުގައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ލައިޓުތައް ޖަހަން ބޭނުންވާ ތަންތަން ދެނެގަނެ އެކަމުގެ މައުލޫމާތު ހޯދީ ކައުންސިލްތަކާ ވާހަކަދައްކައިގެން ކަމަށެވެ.
އީދު ލައިޓުތައް ހަރުކުރުމުގައި އެއްބާރުލުން ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައި މިނިސްޓަރު ވިދާޅުވީ މިކަހަލަ ކަންކަމުން ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ ކަމަށެވެ.
މިރޭ އިސްލާމިކް މިނިސްޓްރީން ވަނީ، މިރޭ ޝައްވާލް މަހުގެ ހަނދު ނުފެންނާތީ މާދަމާއަކީ ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށާއި ފިތުރު އީދު ވާނީ ބުދަ ދުވަހަށް ކަމަށް ކަނޑައަޅައިފައެވެ.