14:30


މަރުވެފައި އޮތް މީހަކު ޅ. އޮޅުވެލިފުށީ ފަޅުތެރޭގައި ލައްގާފައި އޮއްވާ ފެނިއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެމީހާގެ ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ފޯވެ، ހަލާކުވެފައި ކަމަށެވެ. އަދި އެއި ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ވެސް ޔަގީންކޮށްދޭން ނޭނގޭ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވީ އަދިވެސް އެ މީހާގެ ހަށިގަނޑު ބާއްވާފައި އޮތީ އޮޅުވެލިފުށީގައި ކަމަށެވެ.


އޮޅިވެލިފުށީ ފަޅުތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނުނު ކަމަށް ފުލުހުން މި ބުނީ ނ. އިރުފުށީ ރިސޯޓުން މޫދަށް އެރި އުޅުނު ޗައިނާގެ ދެމަފިއަކު ގެއްލިގެން ހޯދަމުން ދަނިކޮށެވެ.


އެ ދެ މަފިރިން ގެއްލުނީ އެ ދެމަފިރިންގެ 13 އަހަރުގެ އަންހެން ދަރިފުޅާ އެކު އެ ރަށު ގޮނޑުދޮށުގައި އުޅެފައި އެ ދެމަފިރިން މޫދަށް އެރުނު ފަހުންނެވެ. އެ އަންހެން ކުއްޖާ އަދިވެސް ހުރީ އިރުފުށީގައެވެ. 


 


11:45


ޅ.އޮޅުވެލިފުށީ ހުޅަނގު ފަރާތު ފަޅުތެރޭގައި މަރުވެފައި އޮތް ފިރިހެނަކު އޮއްވާ ފެނިއްޖެ ކަމަށް އެމްއެންޑީއެފުންނާއި ފުލުހުން ބުނެފި އެވެ. އެމްއެންޑީއެފުން ބުނީ، މަޢުލޫމާތު ލިބިފައިވާ  ގޮތުގައި، އެމީހަކީ ބިދޭސީއެއް ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެއްގެ ކާކުކަން އަދި ކަށަވަރުވެފައި ނުވާ ކަމަށެވެ.


އޮޅިވެލިފުށީ ފަޅުތެރެއިން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނުނު ކަމަށް ފުލުހުން މި ބުނީ އިރުފުށިން ޗައިނާގެ ދެމަފިރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އެ ރަށުން އެ ދެމަފިރިން ގެއްލުނީ އެ ދަމަފިރިންގެ 13 އަހަރުގެ އަންހެން ދަރިފުޅާ އެކު އެ ރަށު ގޮނޑުދޮށުގައި އުޅެފައި އެ ދަމަފިރިން މޫދަށް އެރުނު ފަހުން ކަމަށްވެ އެވެ. އޭރު އެ ކުއްޖާ ހުރީ ގޮނޑުދޮށުގައި ބޮލިހޮވަން ކަމަށްވެ އެވެ.


އެ އަންހެން ކުއްޖާ އަދި ވެސް ހުރީ އިރުފުށީގަ އެވެ.