ޗެޓްޖީޕީޓީގެ ފަހަތުގައި ވާ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި އަދި ދާދި ފަހުން ތައާރަފްކުރި އޯޕަންއޭއައިގެ އެންމެ ފަހުގެ އޭއައި މޮޑެލް ޖީޕީޓީ-4 ތަމްރީނު ކުރުމަށް ޔޫޓިއުބް ވީޑިއޯތަކުގެ ޑޭޓާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޓައިމްސްއިން އާއްމުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޔުނިކް ޓެކްސްޓް ޑޭޓާ ސޯސްތަކުގެ ސަޕްލައި ހުސްކުރުމަށް ފަހު އޯޕަންއޭއައި އިން ވަނީ ޔޫޓިއުބް ވީޑިއޯގެ މިލިއަނަކަށް ވުރެ ގިނަ ގަޑިއިރު ޓްރާންސްކްރައިބް ކުރުމަށް ވިސްޕާގެ ނަމުގައި އޮޓޮމެޓިކް ސްޕީޗް ރިކޮގްނިޝަން ޓޫލެއް އުފައްދައިފައެވެ.

އެ ވީޑިއޯތަކުން ޓްރާންސްކްރައިބްކޮށްފައިވާ ލިޔުންތައް ޑޭޓާގެ ގޮތުގައި ބޭނުންކޮށްގެން ޖީޕީޓީ-4 ލެންގުއޭޖް މޮޑެލް ތަމްރީނު ކުރިއެވެ.

މި ތުހުމަތުތަކަކީ ހަގީގަތެއް ނަމަ، މި ކަމުގެ ސަބަބުން އޯޕަންއޭއައި ގާނޫނީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓިދާނެ ކަމަށާއި، ގޫގުލްގެ ސިޔާސަތުތަކުގެ ސަބަބުން އެ ޕްލެޓްފޯމާ ގުޅުން ނެތް ބޭނުންތަކަށް ޔޫޓިއުބުން ކޮންޓެންޓް ސްކްރެޕް ކުރުން މަނާކޮށްފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެއެވެ.

ޓައިމްސްގެ ރިޕޯޓުގައި ނަން ހާމަނުކުރާ ފަރާތްތަކާ ހަވާލާދީ ބުނެފައި ވަނީ އޯޕަންއޭއައިގެ ބައެއް މުވައްޒަފުން ޔޫޓިއުބްގެ ގައިޑްލައިންތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ޔޫޓިއުބުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.

ނަމަވެސް އޯޕަންއޭއައި އިން ވަނީ އެ ތުހުމަތުތަކަށް ވަރަށް ބޮޑަށް ދެކޮޅުހަދާފައެވެ. އެ ކުންފުނީގެ ތަރުޖަމާނަކު ވަނީ ޔޫޓިއުބް ވީޑިއޯތައް ގަވާއިދާ ހިލާފަށް ސްކްރެޕް ކޮށްފައި ނުވާ ކަމަށް ބުނެ، އެ ކުންފުނީގެ robots.txt ފައިލްތަކާއި ޓާމްސް އޮފް ސާވިސްއިން ވެސް ޔޫޓިއުބް ކޮންޓެންޓް ގަވާއިދާ ޚިލާފަށް ސްކްރެޕް ކުރުން ނުވަތަ ޑައުންލޯޑް ކުރުން މަނާ ކަމަށް ބުނެފައެވެ.

އޯޕަންއޭއައިގެ އެހެން މަންދޫބަކު "ދަ ވާޖް" އަށް މައުލޫމާތު ދެމުން ބުނީ އެ ކުންފުނިން "ޕަބްލިކް ކޮށް ލިބެން ހުރި ޑޭޓާ އާއި ނޮން-ޕަބްލިކް ޑޭޓާއަށް ޕާޓްނާޝިޕް ހިމެނޭ ގޮތަށް ގިނަ ވަސީލަތްތައް ބޭނުންކުރާ ކަމަށާއި ނަމަވެސް ޔޫޓިއުބް ވީޑިއޯތަކަކީ ޖީޕީޓީ-4 ގެ ޓްރެއިނިން ޑޭޓާގެ ތެރޭގައި ހިމެނޭ ވީޑިއޯތަކެއް ނޫންކަން ކަށަވަރުކޮށްދޭ ކަމަށެވެ.

މި ތުހުމަތުތައް ކޮށްފައި މިވަނީ އޯޕަންއޭއައިގެ އޭއައި މޮޑެލްތައް ހުއްދަ ނެތި ތަމްރީނު ކުރުމަށް ކޮޕީރައިޓް ކޮށްފައިވާ ޑޭޓާ ބޭނުންކުރި ކަމަށް ބުނެ މިހާރުވެސް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަށީގެންވާ ލައިސަންސެއް ނުވަތަ ރުހުމެއް ނެތި ޓްރެއިނިން ޑޭޓާ ބޭނުންކުރުމަކީ ކުރިއަރާފައިވާ ބަހުގެ މޮޑެލްތައް އުފެއްދުމަށް އަވަސްވެގަތް އޭއައި ކުންފުނިތަކަށް ގާނޫނީ ގޮތުން ޒަމާނުއްސުރެ ދިމާވެފައިވާ ގޮންޖެހުމެކެވެ.

މިފަދަ މައްސަލަތައް ފެންމަތިވަމުން އަންނައިރު، ޖީޕޓީ-4 ފަދަ މޮޑެލްތައް ބާރުގަދަވެ، މުޅި ދުނިޔެއަށް ފެތުރެމުންދާއިރު، އެމޮޑެލްތަކުގެ ބިންގާ ބިނާވެފައި ވަނީ ރަނގަޅަށް ސޯސްކުރެވިފައިވާ ޑޭޓާގެ މައްޗަށްކަން ކަށަވަރުކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.