މާދަމާ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެއްވެސް ސަބަބަކާ ހުރެ މެޗު ހުއްޓާލާފައި ކުޅުންތެރިއަކު ގޮސްފިނަމަ އެ ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކަން ޔޫއޭފާއިން ނިންމައިފި އެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ މައި ޖަމާއަތުން މިގޮތަށް ނިންމީ ނަސްލީގޮތުން ދިމާކޮށްފިނަމަ މެޗު ދޫކޮށްދާނެ ކަމަށް އިޓަލީގެ ގާނާ ނަސްލުގެ ފޯވަޑް މާރިއޯ ބަލެޓޮއްލީ ބުނެފައިވަނިކޮށެވެ. ދަނޑުބޭރުން މަޝްހޫރުކަން ހޯދަމުން އަންނަ ގޯލާ ރައްޓެހި ފޯވަޑް ބުނީ އޭނާއާ ނަސްލީގޮތުން ދިމާކޮށްފިނަމަ ދަނޑުން ފައިބައިގެންގޮސް އެމީހަކު މަރާލާނެ ކަމަށެވެ.

މުބާރާތް ބާއްވާ ޕޮލެންޑާއި ޔުކްރޭނުގައި ނަސްލީގޮތުން ދިމާކުރުމުގެ ކަންތައް ހައްދުފަހަނަ އަޅާފައިވާތީވެ ޔޫއޭޕާފެ ރައީސް މިޝޭލް ޕްލެޓިނީ ބުނީ ކުށްކުރުން ނުހުއްޓުވޭނެ ކަމަށާއި ނަމަވެސް މެޗު ކުރިއަށް ނުގެންދެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މެޗު ހުއްޓާލަން ޖެހޭނީ ރެފްރީ ކަމަށެވެ.

"ނަސްލީގޮތުން ދިމާކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން. އެކަމަކު މެޗު ދޫކޮށްފިނަމަ އަދަބަކީ ރީނދޫ ކާޑު. މެޗު ދޫކޮށް ކުޅުންތެރިއަކު ގޮސްގެންނުވާނެ. މެޗު ހުއްޓާލަން ޖެހޭނީ ރެފްރީ. އެއީ މިސްޓަރ ބަލެޓޮއްލީ ނިންމަން ޖެހޭ ކަމެއްނޫން،" ފްރާންސަށް ޔޫރޯ ކާމިޔާބުކޮށްދިން ކުރީގެ ކެޕްޓަން، ޕްލެޓިނީ ބުންޏެވެ.

އޭނާ އަދި ބުނީ ޔޫއޭފާއަކަށް މުޖުތަމައުގައި ހިނގާ ހުރިހާ ކަމެއް ނުހުއްޓުވޭނެ ކަމަށާއި ނަސްލީގޮތުން ކުޅުންތެރިންނާ ދިމާކުރާނަމަ ރެފްރީ މެޗު ހުއްޓާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ނަސްލީގޮތުން ދިމާކުރި ނަމަވެސް އެކަމަށް ޔޫއޭފާ ޒިންމާވާން ނުޖެހޭނެ ކަމަށެވެ.