07 Jun 2012, 10:08
ގޯލުޖަހަން ލިބޭ ފުރުސަތުތައް ނިންމާލާނެ "ކޮލިޓީ" ފޯވަޑަކު ވިކްޓަރީގައި ނެތް ކަމަށް ކޯޗު މުހައްމަދު ނަޒީހް ބުނެފި އެވެ.
ގިނަ ފުރުސަތުތަކެއް ލިބި ނިއު ރޭޑިއަންޓާ އެއްވަރުވި މެޗަށް ފަހު ނަޒީހް ބުނީ އޭނާގެ ޓީމުގެ ޓޮޕް ސްޓައިކަރުގެ ހަމަލާދިނުމުގެ ނިސްބަތް ވެސް ދަށް ކަމަށެވެ.
"ކޮކީ ވިކްޓަރީގެ ޓޮޕް ސްޓައިކަރަށް ކުޅެނީ. ހަތް މެޗު ކުޅުނުއިރު ސްޓްރައިކިން ރޭޓަކީ 15 ނުވަތަ 16. އެހެންވީމަ (ކޮލިޓީ ފޯވަޑަކު) ނެތް ހަމަ. ނެތޭ ބުނެވޭނީ،" ނަޒީހް ބުންޏެވެ.
ވިކްޓަރީ އަށް ޔޫތު ޗެމްޕިަންޝިޕް ކާމިޔާބުކޮށްދިން ޒުވާން ކޯޗު ބުނީ ނިއުގެ މެޗުގައި އެ ޓީމުން "އެއް ހާފު ބަނޑަހަ ޖަހައިގެންތިބެ ނިންމާލައިގެން" ދިޔައިރު ވިކްޓަރީ އަށް ގޯލު ނުޖެހުނީ ފިނިޝިން ރަނގަޅު ފޯވަޑަކު ނެތުމުން ކަމަށެވެ. އަދި އެކަން ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދިރާގު ދިވެހި ލީގުގައި ވިކްޓަރީ އޮތީ އެއްވަނާގައިވާ ނިއު އަށްވުރެ އެއްޕޮއިންޓް މަދުން 17 ޕޮއިންޓާއެކު ދެވަނައިގަ އެވެ.