07 Jun 2012, 09:57
ކާބުލް (ޖޫން 7): ނޭޓޯގެ ބާރުތަކުން އަފްޣާނިސްތާނަށް ދިން ވައިގެ ޙަމަލާތަކެއްގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އަންހެނުން މަރުވެއްޖެވެ.
ކާބުލްގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ހާމަކުރާ ގޮތުގައި ނޭޓޯގައި ހިމެނޭ އެމެރިކާގެ ޢަސްކަރީ މަތިންދާ ބޯޓުތަކުން ދިން މިޙަމަލާތައް އަމާޒުކޮށްފައި ވަނީ ކާބުލްގެ ދެކުނުގައިވާ ލޯގާ ސަރަޙައްދުގެ ގެއެއްގައި ކުރިޔަށް ދިޔަ ކައިވެނީގެ ޙަފްލާ އަކަށެވެ. މިޙަމަލާގައި ކައިވެނީގެ ހަފްލާ އަށް ތައްޔާރުވަމުން ދިޔަ މީހުންގެ ތެރެއިން 27 މީހަކު މަރުވެފައިވާ އިރު މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ކާބުލްގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ހާމަކުރެ އެވެ.
ނަމަވެސް އަފްޣާން ސަރުކާރު ބުނާގޮތުން ކައިވެނީގެ މިޙަފްލާ އަށް ނޭޓޯ ސިފައިން ދިން ޙަމަލާގައި މަރުވީ 17 މީހުންނެވެ. ފަރަންސޭސި ނޫސްއެޖެންސީން ވެސް ވަނީ ނޭޓޯ ސިފައިން ޙަމަލާދިން ގޭގެތެރެއިން މަދުވެގެން 15 ކުޑަކުއްޖެއްގެ މަރުވެފައިވާ ހަށިގަނޑު ނެރެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ތާލިބާނުންގެ އަމާޒުތަކަށް ޙަމަލާ ދިނުމުގެ ނަމުގައި އަފްޣާނިސްތާނުގެ ގެތަކަށާއި ކައިވެނީގެ ޙަފްލާތަކަށާއި ސްކޫލްތަކަށާއި ހޮސްޕިޓަލް ފަދަ މަދަނީ ތަންތަނަށާއި ޢާންމުން އެއްވެ އުޅޭތަންތަނަށް ވައިގެ ޙަމަލާތައް ދިނުމަކީ ނޭޓޯގައި ހިމެނޭ އެމެރިކާ ސިފައިން ވަރަށް ގިނައިން ކުރަމުން ގެންދާ ކަމެކެވެ. މިފަދަ ޙަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ގިނަ ޢަދަދަކަށް މަރުވަމުން ދިޔަ ނަމަވެސް އެމެރިކާގެ މިފަދަ ޢަމަލުތައް ހުއްޓުމެއްނާދެ އެވެ.
ހަނގުރާމައިގެ ޙާލަތުގައި ވެސް މަދަނީ ތަންތަނަށާއި ޢާންމުންނަށް ޙަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާއަކަށްވާ އިރު މިފަދަ ޖަރީމާތަކުގައި ޝާމިލްވާ އެމެރިކާގެ މަސްއޫލުވެރިންނާ މެދު ފިޔަވަޅުއެޅުމުގައި ބައިނަލްއަޤްވާމީ ޖިނާއީކޯޓު ފަދަ މުއައްސަސާތައް ވަނީ ނާކާމިޔާބުވެފަ އެވެ. (ނޫސްއެޖެންސީތައް)