އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރި މެޗު ނަގެޓްސް ކާމިޔާބު ކޮށްފިއެވެ.

ޑެންވާގެ ބޯލް އެރީނާގައި ކުޅުނު މިމެޗު ނަގެޓްސް ކާމިޔާބު ކޮށްފައިވަނީ 142 ޕޮއިންޓް 110 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 19 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގައިދީ 11 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދައިފައެވެ.

މިމުބާރާތުގައި ލޮސް އެންޖަލިސް ލޭކާސް އާއި ކްލީވްލަންޑް ކެވެލިއާސް ބައްދަލުކުރި މެޗު 116 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ލޭކާސްއެވެ. ލޮސް އެންޖަލިސްގެ ކްރިޕްޓޯ ޑޮޓް ކޮމް އެރީނާގައި ކުޅުނު މިމެޗު ލޭކާސް ކާމިޔާބު ކޮށްފައިވަނީ 116 ޕޮއިންޓް 97 ޕޮއިންޓުންނެވެ. މިމެޗުގައި ލޭކާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ 12 އެސިސްޓް ދިން ލެބްރޮން ޖޭމްސްއެވެ. އަދި ކެވެލިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދިން ކެރިސް ލެވާޓްއެވެ.

މީގެ އިތުރުން ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރި މެޗު 116 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ސިކްސާސްއެވެ. މިމެޗުގައި ސިކްސާސްގެ ޖޮއެލް އެމްބިޑްވަނީ 30 ޕޮއިންޓް ހޯދައިދީ 12 ރިބައުންޑް ނަގައިދީ އެއް އެސިސްޓް ކޮށްފައެވެ. އަދި ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ސްކޮޓީ ޕިޕެން ޖޫނިއާއެވެ.

މިމުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ޑެޓްރޮއިޓް ޕިސްޓަން ބައްދަލުކުރި މެޗު 113 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ނެޓްސްއެވެ.