07 Apr 2024, 14:17
އިޓާލިއަން ސެރިއާގައި އޭސީ މިލާން އާއި ލެއްޗެ ބައްދަލުކުރި މެޗު މިލާންއިން ކާމިޔާބު ކޮށްފިއެވެ.
މިލާންގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާންއިންނެވެ.
މިމެޗުގެ ފެށުން ދިޔައީ މިލާން އެންމެ ބޭނުންވި ގޮތަށެވެ. މިގޮތުން މެޗުގެ ހަ ވަނަ މިނެޓުގައި މިލާން އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ. މިއީ އޭނާ މިސީޒަންގައި ކާމިޔާބު ކުރި 10 ވަނަ ލަނޑެވެ.
އެ ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ މިލާންގެ ލީޑު ފުޅަކޮށްދޭނެ ރަނގަޅު ފުރުސަތެއް ޕުލިސިޗްއަށް ލިބުނެވެ. މިމެޗުގައި މިލާންއިން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 20 ވަނަ މިނެޓުގައި އޮލިވާ ޖިރޫއެވެ. އަދި ފަހު ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރަފައެލް ލިއާއޯއެެވެ.
މިމެޗުގައި ލެއްޗެއަށް ލަނޑެއް ނުޖެހުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު އެޓީމަށް ލިބުނެވެ. އަދި މިލާނަށްވެސް އެޓީމުގެ ލަނޑުގެ އަދަދު އިތުރު ކުރާނެ ރަނގަޅު ދެތިން ފުރުސަތު ލިބުނެވެ.
މިކާމިޔާބީއާއެކު މިލާން މިހާރު އުޅެނީ ކުޅުނު 31 މެޗުން ލިބިފައިވާ 68 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އެއްވަނައިގައި އުޅޭ އިންޓާ މިލާނާއި މިލާނާއި ދެމެދު މިހާރު 11 ޕޮއިންޓްގެ ތަފާތު އެބަހުއްޓެވެ. މިމެޗުން ބަލިވުމުން ލެއްޗެ އުޅެނީ 29 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.
މިމުބާރާތުގައި އޭއެސް ރޯމާ އާއި ލާޒިއޯ ބައްދަލު ކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ރޯމާއެވެ. މިމެޗުގައި ރޯމާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ޖަހައިދިނީ ޖިއާންލޫކާ މަންޗީނީއެވެ. މިމެޗުގެ ދެވަނަ ހާފުގައި ލާޒިއޯއަށް ލަނޑެއް ކާމިޔާބު ކުރެވުނު ކަމަށް ހީކުރެވުނު ނަމަވެސް މަޓިއޯ ގަންޑޫޒީ މިލަނޑު ޖެހުމަށް އުފެއްދި ހަމަލާގެ ތެޜޭގައި އެޓީމުގެ ޑައިޗީ ކަމާދާ އޮފް ސައިޑް ވެފައިވުމުން އެލަނޑު ބަލައިގެންފައެއް ނުވެއެވެ.
މިކާމިޔާބީއާއެކު ރޯމާ މިހާރު އުޅެނީ 31 މެޗުން ލިބިފައިވާ 55 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. އަދި މިއާއެކު މިވަނީ ހަތަރު ވަނައިގައި އުޅޭ ބޮލޯނިއާ އާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި ލާޒިއޯ އުޅެނީ 46 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ.