ޖަރުމަނު ބުންޑަސްލީގާގައި ތާވަލްގެ އެއްވަނައިގައި އުޅޭ ބަޔާ ޒީރޯ ފޯ ލެވަކޫސެން އާއި އެފްސީ ޔޫނިއަން ބާލިން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލެވަކޫސެންއިން ލީގު ކާމިޔާބު ކުރުމާ ގާތަށް ޖެހިލައިފިއެވެ.

ޔޫނިއަން ބާލިންގެ ދަނޑުގައި ކުޅުނު މިމެޗު ލެވަކޫސެންއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެވަކޫސެންއިންނެވެ. ނަމަވެސް މިމެޗުގައި ޔޫނިއަންގެ ޑިފެންސް ފޫއަޅުވާލުމުގައި ލެވަކޫސެންއަށް ދިޔައީ ގިނަ މައްސަލަތަކަކާ ކުރިމަތިވަމުންނެވެ. މިގޮތުން ލެވަކޫސެންއިން އުފެއްދި ގިނަ ހަމަލާތަކެއްވަނީ ޔޫނިއަންގެ ކީޕާ ފެޑެރިކް ރޮނޯ ދިފާއުކޮށްފައެވެ.

މިމެޗުގައި ލެވަކޫސެން ކޮޅަށް މެޗުގެ އޮއެވަރު ބަދަލުވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔޫނިއަންގެ ރޮބިން ގޮސެންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކި ހިސާބުންނެވެ. ގޮސެންގެ ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުމުން އުފެއްދި ހަމަލާގައި ޔޫނިއަންގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކްރިސްޓޮފާ ޓްރިމެލް ބޯޅައިގައި އަތްލިކަމަށް ވީއޭއާރުން ބެލުމަށްފަހު ހާމަވުމުން ލެވަކޫސެންއަށް ޕެނަލްޓީއެއް ލިބުނެވެ. މިޕެނަލްޓީ ލެވަކޫސެންއަށް ކާމިޔާބު ކޮށްދިނީ ފްލޯރިއަން ވާޓްޒްއެވެ. މިމެޗުގެ ދެވަނަ ހާފުގައި އިތުރު ލަނޑެއް ފެންނަ ގޮތެއް ނުވިއެވެ.

ނަމަވެސް މިކާމިޔާބީގެ ސަބަބުން ލެވަކޫސެންއަށް މިހާރު ވަނީ ލީގު ކާމިޔާބު ކުރެވުމަށް ތިން ޕޮއިންޓަށް ގާތްވެފައެވެ. މިގޮތުން މިއަންނަ ހަފުތާގައި އަމިއްލަ ދަނޑުގައި ވާޑާ ބްރޭމަންއާ ބައްދަލުކުރާ މެޗު ކާމިޔާބު ކުރެވިއްޖެ ނަމަ ގިނަ އަހަރުތަކަކަށްފަހު ބަޔެން މިޔުނިކް ނޫން އެހެން ޓީމަކަށް ބުންޑަސްލީގާގެ ތަށި ލިބޭތަން ފެންނާނެއެވެ.

ލެވެކޫސެންއަށް މިފުރުސަތު ތަނަވަސް ވެފައިވަނީ ބަޔޭން އިން ރޭ ރަށުން ބޭރުގައި އެފްސީ ހެއިޑެންހެއިމް އެއީޓީން ފޯޓީސިކްސް އާއި ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކުރީގައި އޮތުމާއެކުވެސް ތިން ލަނޑު ދެ ލަނޑުން ބަލިވުމުންނެވެ. މިއާއެކު މިހާރު ލެވަކޫސެން އާއި ބަޔޭން އާއި ދެމެޗު 16 ޕޮއިންޓްގެ ތަފާތު މިހާރު އެބަހުންޓެވެ. އަދި މިހާރު ކޮންމެ ޓީމަކަށް ބާކީ އޮތީ ހަ މެޗެވެ.

ރޭގެ ކާމިޔާބީއާއެކު ލެވެކޫސެންއަށް މިހާރުވަނީ 28 މެޗުން 76 ޕޮއިންޓް ލިބިފައެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ބަޔޭން އުޅެނީ 60 ޕޮއިންޓާއެކު ދެވަނައިގައެވެ. ތިންވަނައިގައި އުޅޭ ވީއެފްބީ ޝްޓުޓްގާޓްއަށްވެސް ވަނީ 60 ޕޮއިންޓް ލިބިފައެވެ.

ބަޔޭންއަށް މިސީޒަންގެ ފަހު ބައިގައި ކުރިމަތި ވަމުންދާ ނާކާމިޔާބީތަކުގެ ސަބަބުން މިއަންނަ ސީޒަންގައި އެޓީމަށް ގިނަ ބަދަލުތަކެއް އަންނާނެކަމުގެ އިޝާރާތްތައް މިހާރުވެސް ވަނީ ލިބެން ފަށާފައެވެ. މިގޮތުން މިސީޒަނާއެކު އެޓީމުގެ މިހާރުގެ ކޯޗު ތޯމަސް ޓުކެލް އެކްލަބް ދޫކޮށްދާނެކަން ހާމަކޮށްފައިވާއިރު ބައެއް ކުޅުންތެރިންނަށްވެސް ބަދަލުތަކެއް އައުން ގާތްކަމަށް ޖަރުމަނުގެ މީޑިއާތަކުން ހަބަރު ދެއެވެ.