07 Apr 2024, 13:34
ސްޕެނިޝް ކޮޕާ ޑެލް ރޭގެ ޗެމްޕިއަންކަން އެތުލެޓިކް ބިލްބާއޯ ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ބިލްބާއޯ ހޯދާފައިވަނީ ރޭ ކުޅުނު ފައިނަލްގައި ރެއާލް މޮޔޯކާ އާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ އެއް ލަނޑު އެއް ލަނޑުން އެއްވަރު ވެފައެވެ. އަދި މި ނަތީޖާއަށް އިތުރު ވަގުތުގައިވެސް ބަދަލެއް ނައުމުން ޕެނަލްޓީ ޖަހަން ޖެހުނީއެވެ. މި ޕެނަލްޓީ ޝޫޓްއައުޓް ބިލްބާއޯ ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ދެ ލަނޑުންނެވެ.
މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބިލްބާއޯއިންނެވެ. ނަމަވެސް މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިފައި ވަނީ މަޔޯކާއިންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި ލަނޑު އެ ޓީމަށް ޖަހައިދީ އެ ކްލަބްގެ ތާރީހުގައި ދެވަނަ ފަހަރަށް ކޮޕާ ޑެލް ރޭގެ ތަށި އުފުލާލުމުގެ އުންމީދު އާކޮށްދިނީ ޑާނީ ރޮޑްރިގޭޒްއެވެ.
އެންމެފަހުން ބޭއްވި ކޮޕާ ޑެލްރޭގެ ހަ ފައިނަލްގައި ކުޅެ ނާކާމިޔާބީ ކުރިމަތި ވެފައިވާ ބިލްބާއޯއިން ލަނޑެއް ޖަހައި ކުރީ ސީޒަންތަކާ ހިލާފަށް މި ފަހަރު މި މުބާރާތް ކާމިޔާބު ކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 50 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.
މި ލަނޑު އެ ޓީމަށް ޖަހައިދިނީ އޮއިހާން ސަންކެޓްއެވެ. މި ލަނޑު ޖެހުމުގެ ކުރިން ބިލްބާއޯގެ ނީކޯ ވިލިއަމް ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެ ލަނޑު ވަނީ އޮފް ސައިޑް ކަމަށް ނިންމާފައެވެ.
މި މެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ދެ ޓީމަށް ލިބިގެންދިޔަ ނަމަވެސް ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމިގެންދިޔަ އިރުވެސް ނަތީޖާއަށް ބަދަލެއް ގެނެވޭ ގޮތެއް ނުވިއެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި މަޔޯކާއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން އެއް މާނޫ މޯލާނޭސް ޖެހި ޕެނަލްޓީ ބިލްބާއޯގެ ކީޕާ ހޫލެން އަގީރޭޒަބާލާ ދިފާއު ކުރިއިރު ނެމަންޔާ ރަޑޮންޔިޗް ޖެހި ޕެނަލްޓީ ގޯލަށް އަމާޒުވާ ގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި ބިލްބާއޯއިން ޖެހި ފުރަތަމަ ހަތަރު ޕެނަލްޓީވެސް ވަނީ ކާމިޔާބު ކޮށްފައެވެ.
މި ކާމިޔާބީއާއެކު ބިލްބާއޯއިން މި ވަނީ ހަ ސީޒަނުގެ ހިތްދަތިކަމަށްފަހު މި މުބާރާތުގެ ތަށި އުފުލާލާފައެވެ. މި ކާމިޔާބީއާއެކު ބިލްބާއޯއިން މި ވަނީ 40 އަހަރަށްފަހު ފުރަތަމަ ފަހަރަށް ތައްޓެއް ކާމިޔާބު ކޮށްފައެވެ. އަދި މިއީ ކޮޕާ ޑެލް ރޭގެ ތަށި ބިލްބާއޯއިން ކާމިޔާބު ކުރި 24 ވަނަ ފަހަރެވެ. ބިލްބާއޯއަށް ވުރެ ގިނައިން މި ތަށި ކާމިޔާބު ކޮށްފައިވާ ހަމައެކަނި ޓީމަކީ ބާސެލޯނާއެވެ. އެއީ 31 ފަހަރެވެ.