07 Apr 2024, 13:15
އިންގްލިޝް ޕްރިމިއާ ލީގުގައި ލީގަށް ވާދަކުރަމުންދާ އާސެނަލް އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗު އާސެނަލްއިން ކާމިޔާބު ކޮށް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.
ބްއިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލް އިން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ތިން ލަނޑު ސުން ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެެއް ފެނިގެންދިޔަ މި މެޗުގައި ބްރައިޓަން އިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލް އިންނެވެ.
ވިހި އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލީގު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ އާސެނަލްއިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމުން އެ ޓީމުން ލީގު ކާމިޔާބު ކުރަން ބޭނުންވެފައިވާ މިންވަރު ހާމަވެގެންދިޔައެވެ. އަދި މިދިޔަ ސީޒަންގައި ދިމާވިގޮތް ތަކުރާރުވިޔަ ނުދިނުމަށް އާސެނަލްއިން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންކަން ހާމަވެގެންދެއެވެ.
މި މެޗުގައި އާސެނަލް އިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައި ވަނީ މެޗުގެ 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީފައިވަނީ ބުކާޔޯ ސާކާއެވެ. ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ބްރައިޓަންއިން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް މި ހަމަލާވަނީ އާސެނަލްގެ ކީޕާ ޑޭވިޑް ރާޔާ ދިފާއުކޮށްފައެވެ.
މި މެޗުގައި އާސެނަލްގެ ދެވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ޖަހައިދިނީ މި ވަގުތު ފޯމުގައި ކުޅެމުންދާ ކައި ހަވާޓްޒްއެވެ. އަދި ފަހު ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބްރައިޓަންއިން އާސެނަލްއަށް ބަދަލުވި ލިއާންޑްރޯ ޓްރޮސާޑްއެވެ. މި މެޗުގައި ބްރައިޓަންއަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެން ދިޔަ ނަމަވެސް އާސެނަލްގެ ޑިފެންސް ފޫއަޅުވާލުން އެ ޓީމަށް ފަސޭހައެއް ނުވިއެވެ.
މިކާމިޔާބީއާއެކު މިހާރު އާސެނަލްވަނީ ކުޅުނު 31 މެޗުން ލިބިފައިވާ 71 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރައިފައެވެ. ނަމަވެސް މި ވަގުތު ދެވަނައިގައި 70 ޕޮއިންޓާއެކު އޮތް ލިވަޕޫލް އިން މިރޭ މެންޗެސްޓާ ޔުނައިޓެޑާ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްފިނަމަ އެ ޓީމަށް އަނެއްކާވެސް ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ތާވަލްގެ ތިންވަނައިގައި މިވަގުތު އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށްވެސް ވަނީ ލިވަޕޫލާއި އެއްވަރަށް ޕޮއިންޓް ލިބިފައެވެ. މިއީ ފަހުގެ ތާރީހެއްގައި ޕްރިމިއާ ލީގުގައި ތިން ޓީމެއް މިހާ ގާތް ގާތުގައި ލީގަށް ވާދަކުރާ ފުރަތަމަ ފަހަރެވެ.